ޚަބަރު •

ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖޭގެ ތަރައްގީގެ ރޭވުންތަކާ ސީދާ ގުޅިފައިވާ މައްސަލައެއް: ނައިބު ރައީސް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖޭގެ ތަރައްގީގެ ރޭވުންތަކާ ސީދާ ގުޅިފައިވާ މައްސަލައެއް: ނައިބު ރައީސް

އދ. ގެ އާންމު މަޖިލީހުގައި ނައިބު ރައީސް ތަގުރީރު ދެއްވަނީ. -- ފޮޓޯ/ ރައީސް އޮފީސް

ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫންކަމަށާއި، އެއީ ރާއްޖޭގެ ދައުލަތުގެ ސިޔާދަތާއި، ގައުމީ ސަލާމަތާއި، ތަރައްގީގެ ރޭވުންތަކާ ސީދާ ގުޅިފައިވާ މައްސަލައެއްކަމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި އިދާރާގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ތެރެއިން ބޭއްވި ހާއްސަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖޭގެ ފަސްގަނޑާއި ގޮނޑުދޮށްތަކަށް ބަދަލުތަކެއް އައިނަމަވެސް، ރާއްޖޭގެ ދައުލަތްވަންތަކަމާއި، ސިޔާދަތީ ބާރާއި، ބައިނަލްއަގުވާމީ މައިދާނުގައި އޮތް ގައުމީ ބާރުވެރިކަމަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އަޅުގަނޑުމެންގެ ގޮނޑުދޮށްތަކަށް ބަދަލުތައް އަތުވެދާނެ. ނަމަވެސް އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދައުލަތްވަންތަކަމެއް ފުހެވިގެންނެއް ނުދާނެ. އަޅުގަނޑުމެންގެ ހައްގުތަކެއް އުންޏެއް ނުކުރެވޭނެ. އަދި ކަނޑުގެ ސަރަހައްދީ އިގްތިސާދީ ހައްގުތަކަކަށް އެއްވެސް އުނިކަމެއް ނާންނާނެ

އަމަލީ ގޮތުން ފިޔަވަޅުތައް އެޅުމަށް ގޮވާލައްވަމުން ނައިބު ރައީސް ވަނީ މުހިންމު 3 ދާއިރާއަކުން ކަންކަން ކުރުމަށް އދ. އަށް ހުށަހަޅުއްވާފައެވެ:

  1. މާލީ އެހީތެރިކަން އަވަސްކުރުން: މޫސުމީ ބަދަލުތަކަށް ހޭނުމަށް ދޭ މާލީ އެހީއަކީ ފަސޭހައިން ލިބޭ، އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ އެހީތަކަކަށް ހެދުން. އަދި ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު ދެނެގަތުމަށް ހާއްސަ އޮބްޒަވޭޝަން މެކޭނިޒަމެއް އުފެއްދުން.

  2. ގާނޫނީ ރައްކާތެރިކަން ކަށަވަރުކުރުން: ގައުމެއްގެ ޖޯގްރަފީއަށް ބަދަލުތަކެއް އައިނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ކަނޑައެޅިފައިވާ އިންތަކާއި، ދައުލަތުގެ ގާނޫނީ ހައިސިއްޔަތާއި އދ. ގެ މެންބަރުކަން ބަދަލުނުވެ ދެމިއޮންނާނެކަން ކަށަވަރުކުރުން.

  3. ތަރައްގީގެ މަޝްރޫއުތަކުގައި ރައްކާތެރިކަން ހިމެނުން: އިމާރާތްކުރުމާއި، އިގްތިސާދީ ރޭވުންތައް ރޭވުމުގައި މޫސުމީ ރައްކާތެރިކަން ސީދާ ހިމެނުން.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮޕް-31" ސަމިޓަކީ ހަމައެކަނި ވައުދުތަކެއްވާ ތަނަކަށް ނުހަދައި، ކުދި ޖަޒީރާ ގައުމުތަކަށް އަމަލީ ނަތީޖާ ނެރެދޭ ސަމިޓަކަށް ހެދުމަށް ގޮވާލައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް