Article Top
ކުޅިވަރު •

ސެޓްޕީސްތަކުން ޓީސީ ބަލިކޮށް އީގަލްސް އެންމެ ކުރިއަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ސެޓްޕީސްތަކުން ޓީސީ ބަލިކޮށް އީގަލްސް އެންމެ ކުރިއަށް

އީގަލްސް މިރޭގެ މެޗުގައި ލަނޑެއް ޖެހުމަށްފަހު -- ފޮޓޯ/އެފްއޭއެމް

ޓީސީ ސްޕޯޓްސް ކްލަބާ ވާދަކޮށް 3-0 އިން މޮޅުވެގެން ކްލަބް އީގަލްސް، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތާވަލްގެ އެންމެ ކުރިއަށް ޖެހިލައިފި އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ 44 ވަނަ މިނިޓުގައި އީގަލްސް ލީޑު ނެގީ ލައިބީރިއާ ފޯވާޑް ވެން-ޑޭވް ހާމޮން އެވެ. ދެވަނަ ހާފުގައި ވެސް އީގަލްސްގެ ގޯލުތައް ޖެހީ ފަހު ވަގުތު އެވެ. އެގޮތުން 80 ވަނަ މިނިޓުގައި މާކޯ އިވަނޮވިޗް ދެވަނަ ލަނޑު ޖަހައިދިން އިރު، އޭގެ ހަ މިނިޓް ފަހުން ތިންވަނަ ލަނޑު ޖަހައިދިނީ ވެން-ޑޭވް ހާމޮން އެވެ.

Advertisement
Article Inside

ޓީސީގެ ތިން ލަނޑު ވެސް ޖަހާފައި ވަނީ ހިލޭޖެހުންތަކުގެ ބޭނުން ހިފައިގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީސީގެ ގިނަ އެޓޭކްތަކެއް ހުއްޓުވުމުގައި އީގަލްސްގެ ޑިފެންސް ލީޑު ކުރި މާކޯ އެވެ.

މި ނަތީޖާއާ އެކު އީގަލްސް އެއްވަނައިގައި އޮތީ ކުުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ނުވަ ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އަދި ލީގުގައި މިހާތަނަށް ބަލި ނުވެ އޮތީ ވެސް މި ތިން ޓީމެވެ.

އޮޑި ސްޕޯޓްސް އާއި ބިސް ބުރު ސްޕޯޓްސް އަށް ހަ ޕޮއިންޓް ލިބިފައި ވާއިރު، މާޒިޔާ އާއި ދިއްދޫ ސްޕޯޓްސް އަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ޓީސީ އަށް ތިން ޕޮއިންޓް ލިބިފައި ވާއިރު، ބުރު ސްޕޯޓްސް އާއި ގައްދޫ އާރުސީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ދިއްދޫ އާއި ގައްދޫ ފިޔަވައި ކޮންމެ ޓީމެއް މިހާތަނަށް ތިން މެޗު ކުޅެފައި ވެއެވެ. ގައްދޫ އާއި ދިއްދޫ ވަނީ ހަތަރު މެޗު ކުޅެފަ އެވެ.

ލީގުގައި ދެން ކުޅުން އޮންނާނީ އަންގާރަ ދުވަހު އެވެ. އެ ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައި ބައްދަލުކުރާނީ ގައްދޫ އާއި ބުރު ސްޕޯޓްސް އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް