ލޯނު ދައްކާ ހަލާސްކުރި ނަަމަވެސް ރައްޔިތުންނަށް ޒަރޫރީ ސާމާނު މެދުނުކެނޑި ލިބިގެންދާނެ: މިނިސްޓަރު ޒަރީރު
އަލީ އީމާން
ލިޔުންތެރިޔާ
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ނިމިދިޔަ އެމްޑީޕީ ސަރުކާރު ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނު ދައްކާ ހަލާސްކުރި ނަމަވެސް ރައްޔިތުންނަށް ޒަރޫރީ ސާމާނު މެދުނުކެނޑި ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަރީރު ވިދާޅުވީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 2019 ވަަނަ އަހަރު ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނުގެ ފަހު އިންސްޓޯލްމެންޓް ގޮތުގައި ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ބުރާސްފަތި ދުވަހު ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން މި ސަރުކާރުން ދުރާލާ ރޭވުންތަކެއް ރާވަމުންދާކަން ފާހަގަކޮށް މިނިސްޓަރު ޒަރީރު ވިދާޅުވީ، މި ސަރުކާރުން ދަނީ ދައުލަތުގެ ދަަރަނި އަަދާކުރުމުގެ ކަންކަން ހަރުދަނާކަމާއެކު ބަލަަހައްޓަމުން ކަމަށެވެ. މިގޮތުން ސޮވެރިން ޑިވޮލޮޕްމެންޓް ފަންޑަށް ގަވާއިދު ފައިސާ ޖަމާކުރަމުންދާ ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ.
މިނިސްޓަރު ޒަރީރު ވިދާޅުވީ މިފަދަ ހަރުދަނާ ރޭވުންތަކާއެކު ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި، ޒަރޫރީ ބޭސްފަރުވާގެ ސާމާނު މެދުނުކުނޑި ލިބޭނެ އިންތިޒާމުތަކެއް ހަަމަޖެހިފައިވާ ކަމަށެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ކުރީ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ސެޕްޓެންބަރު 17 ވަނަ ދުވަހު ވަނީ އެއްކޮށް ދައްކައި ޚަލާސްކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ކުރީ ސަރުކާރުން 2019 ވަނަ އަހަރު ތިން ފަހަރުމަތިން ނެގި 150 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލެއްކަމަށެވެ.
މި ފެސިލިޓީގެ ތެރެއިން 50 މިލިއަން ޑޮލަރު މިއަހަރުގެ ޖެނުއަރީ މަހު ދައްކާފައިވާއިރު، އިތުރު 50 މިލިއަން ޑޮލަރު ވަނީ މޭ މަހުގެ 11 ވަނަ ދުވަހު ދައްކާފަ އެވެ. ބުރާސްފަތި ދުވަހު ދެއްކި ފައިސާއާއެކު، ޖުމްލަ 150 މިލިއަން ޑޮލަރުގެ ދަރަނި އެއްކޮށް އަދާކޮށް ނިމިފައިވާކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް