ރައީސް މުޢިއްޒު އަށް 2028 ގެ ރިޔާސީ ޓިކެޓު ދޭން ފާސްކޮށްފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ޕީއެންސީގެ ކޮންގްރެސްގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވާހަކަ ދައްކަވަނީ - ފޮޓޯ/ ޖަވިޔަނި
2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ޓިކެޓު މިހާރުގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ދިނުމަށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް އިން ފާސްކޮށްފި އެވެ.
ރިޔާސީ ޕްރައިމަރީއަކާ ނުލައި ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް މުޢިއްޒު އަށް ދިނުމަށް ހުށަހެޅުއްވީ، ފުވައްމުލަކު ދެކުނު ދާއިރާގެ މަންދޫބު ޢަބްދުﷲ އިބްރާހީމް އެވެ. އެ ޤަރާރުގައި ބުނެފައި ވަނީ، ރައީސް މުޢިއްޒު ކުރައްވަމުން ގެންދާ ޚިދުމަތް މެދު ކެނޑުމެއް ނެތި ދެމެހެއްޓުމަށްޓަކައި އެމަނިކުފާނަށް ރިޔާސީ ދެ ވަނަ ދައުރެއް ޙައްގު ކަމަށެވެ.
ރައީސް މުޢިއްޒު އަށް ޕީއެންސީގެ ރިޔާސީ ޓިކެޓު ދިނުމަށް ފާސްކޮށްފައި ވަނީ ކޮންގްރެސްގައި ބައިވެރިވި 1119 މަންދޫބުންގެ އިއްތިފާޤުންނެވެ. ޕީއެންސީގެ އަސާސީ ޤަވާއިދުގައި ބުނެފައިވާ ގޮތުން، އެ ޕާޓީގެ މެމްބަރަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައި، ދެ ވަނަ ދައުރަކަށް ވާދަކުރެއްވުމަށް މެމްބަރުންގެ މަޖިލީހަށް ހުށަހަޅައިފި ނަމަ، ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓު ދެވިދާނެ އެވެ.
ޕީއެންސީގެ ކޮންގްރެސް އަށް ހުށަހެޅި ޤަރާރަށް ބަހުސް ކުރެއްވި މެމްބަރުން ވަނީ ރައީސް މުޢިއްޒު އަށް ދެ ވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ. އަދި ރައީސް މުޢިއްޒު ދެ ވަނަ ދައުރަކަށް ހޮވުމަށް ރާއްޖޭގެ ރައްޔިތުން އުފަލާ އެކު މަސައްކަތްކޮށް، ވޯޓު ދޭނެ ކަމަށް ވެސް އެ މެމްބަރުން ވަނީ ވިދާޅުވެފައި އެވެ.
އެ ޤަރާރަށް ތާއީދު ކުރައްވައި ބަހުސް ކުރެއްވި މެމްބަރުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް އާއި، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު ހިމެނިވަޑައިގަންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް