ޤައުމީ ވިސްނުމަށް ވުރެ އެހެން ކަމެއް އިސްކޮށްގެން ނުވާނެ: ރައީސް މުޢިއްޒު
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ނޭޝަން ޗެޓް ޕްރޮގްރާމްގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވާހަކަ ދައްކަވަނީ
ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، ޤައުމީ ވިސްނުމަށް ހުރެ އެހެން ކަމެއް އިސްކޮށްގެން ނުވާނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވުންތައް ހުރެދާނެ ކަމަށެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން އެއްވެސް ޚިޔާލު ތަފާތުވުމެއް ޤައުމީ ކަންކަމުގެ މައްޗަށް އިސްކޮށްގެން ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ސިޔާސީ ބޭނުމެއްގައި، ނުވަތަ އަމިއްލަ އެޖެންޑާއެއް ކުރިއަށް ގެންދިޔުމުގައި ޤައުމާ ދެކޮޅަށް ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކައިފާނެ ކަމަށެވެ. އެގޮތުން އިޤްތިޞާދީ ގޮތުން ވިޔަސް ޤައުމާ ދެކޮޅަށް ވާހަކައެއް ދެއްކިދާނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި ރައީސް މުޢިއްޒު ވަނީ، މީގެ ކުރިން ރާއްޖެ އަށް ފަތުރުވެރިން ނައުމަށް ގޮވާލާފައިވާކަން ފާހަފަ ކުރައްވައިފަ އެވެ. އެއީ ޤައުމަށް ފައިދާހުރި، އަދި ޤައުމާ އެއްކޮޅަށް ކުރެވޭ ކަމެއް ނޫން ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ޤައުމަށް ފައިދާވާނެ ކަހަލަ އެއްވެސް ކަމަކަށް ހުރަސްއެޅުމަކީ ޤައުމާ ދެކޮޅު ހެދުން ކަމަށެވެ. މާޒީ އަށް ބަލާއިރު، އެކި އެކި މަޤުސަދުގައި ޤައުމާ ދެކޮޅަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެއީ ހަމައެކަނި ކަނޑި އާއި ބަޑި ނަގައިގެން ކުރާ ކަމެއް ނޫންކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެއީ ބުނެވޭ ބަހަކުން، ކުރެވޭ ކަމަކުން ނުވަތަ ލިޔެވޭ އެއްޗެއްގެ ސަބަބުން ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.
ރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަކީ އެއްބައިވަންތައް ބައެއް ކަމަށާއި، އެއީ ދިވެހި ޤައުމު ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ، މި ޤައުމުގައި އޮތް ބަހާތަކާއި، އަސްލުތަކާ ދެކޮޅުވާ، އެކަންކަން ފުނޑު ފުނޑުވާ އަދި ވީނާރާވާ ކޮންމެ ގޮތަކަށް ކުރެވޭ ކަމަކީ ޤައުމާ ދެކޮޅުވުން ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. އެހެންވެ، އެކަންކަން އެހެން ވިޔަ ނުދިނުމަށް ދިވެހި ރައްޔިތުން ސަމާލުކަން ދެއްވަން ޖެހޭ ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް