ޕާކިސްތާނުގެ ޗެސް ޓީމުން އިޒްރޭލާ ކުޅެން ދެކޮޅު ހަދައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އުޒްބަކިސްތާނުގެ ސަމަރްކަންދުގައި ކުރިއަށްދާ 46 ވަނަ ފީޑޭ ވޯލްޑް ޗެސް އޮލިމްޕިއާޑްގައި ޕާކިސްތާން ކުޅެން އޮތް ފުރަތަމަ މެޗުގައި އިޒްރޭލާ ދެކޮޅަށް ކުޅެން ޖެހުމުން، ޕާކިސްތާނު ޓީމުން އެ މެޗު ބޮއިކޮޓް ކޮށްފި އެވެ.
ޕާކިސްތާނު ޓީމުން މެޗަށް ނުކުމެފައި ނުވަނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ސާބިތުވެ ތިބިކަން ހާމަކުރުމަށާއި، އިޒްރޭލު ބަލައިނުގަތުމަށް އެގައުމުގެ ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ.
ޕާކިސްތާނުން މެޗު ނުކުޅެން ނިންމުމުން، މުބާރާތުގެ އުސޫލުގެ މަތިން އިޒްރޭލަށް ވަނީ 0-4 އިން "ވޯކްއޯވާ" މޮޅެއް ދީފައެވެ.
ޕާކިސްތާނު ޗެސް ފެޑެރޭޝަނުގެ ރައީސް ސައްޔިދު ޒީޝާން ނަގްވީ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތާ ހިލާފަށް މެޗުގައި ބައިވެރިވެވެން ނެތް ކަމަށެވެ. ފުރަތަމަ މެޗުން ބަލިވި ކަމަށް ނިންމި ނަމަވެސް، ސެޕްޓެމްބަރު 27 އާ ހަމައަށް ކުރިއަށްދާ މި މުބާރާތުގެ ބާކީ މެޗުތަކުގައި ޕާކިސްތާނަށް ކުރިއަށް ދިއުމުގެ ފުރުސަތު އެބިއޮތް ކަމަށާއި، އެ މެޗުތަކުގައި ޓީމުން ވާދަކުރާނެ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން ދުނިޔޭގެ ޗެސް ފެޑެރޭޝަން (ފީޑޭ) އިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމާ ގުޅިގެން، ބައިނަލްއަގުވާމީ ފެންވަރުގައި އިޒްރޭލުގެ ކުޅިވަރު ޓީމުތަކާއި އިދާރާތައް ބޮއިކޮޓް ކުރުމުގެ ހަރަކާތްތައް ވަނީ އިތުރުވެފަ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް