Article Top
ކުޅިވަރު •

އެންމެ މޮޅު ރީޖަނަލް ކްލަބް؛ އެކަކު މަދުކޮށް ކުޅެގެން ބިސް ބުރުން، ބުރު ސްޕޯޓްސް ބަލި ކޮށްފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އެންމެ މޮޅު ރީޖަނަލް ކްލަބް؛ އެކަކު މަދުކޮށް ކުޅެގެން ބިސް ބުރުން، ބުރު ސްޕޯޓްސް ބަލި ކޮށްފި

ބިސް ބުރުން ގޯލެއް ޖެހުމަށް ފަހު -- ފޮޓޯ/އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އެކަކު މަދުކޮށް ކުޅެގެން ބިސް ބުރުން 2-1 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ބުރު ސްޕޯޓްސް އެވެ. ފުރަތަމަ ހާފުގައި ބުރުން ލީޑު ނެގި ގޯލު ޖަހައިދިނީ އަބްދުﷲ ޔާމީން (ޔާނު) އެވެ.

Advertisement
Article Inside

މެޗު ނިމެން 15 މިނިޓަށް ވެފައި ވަނިކޮށް ބިސްބުރުގެ އުލޫފް އަހުމަދު، ޔާނު އަށް ކުރި ފައުލަކާ ގުޅިގެން ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ކުޅުންތެރިއެއް މަދުވި ނަމަވެސް ބިސް ބުރުން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. އެގޮތުން 79 ވަނަ މިނިޓުގައި ލިބުނު ކޯނަރަކުން އެ ޓީމުގެ އަލިއޫ އޮވޮލާބީ ފަތާއީ ވަނީ ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. އަދި އިތުރު ވަގުތުގެ ވެސް އެންމެ ފަހު ސިކުންތުކޮޅު ތެރޭ ކައުންޓާ އެޓޭކުގައި އެ ޓީމު މޮޅު ކޮށްދިން ލަނޑު ޖެހީ ފުރަތަމަ ލަނޑު އެސިސްޓް ކޮށްދިން މަޖްދާން ސޯލިހެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ ބިސް ބުރުގެ ގޯލްކީޕަރު ޕީޓާ ސާރކޮޑީ އެވެ.

މިއީ ފުރަތަމަ ޑިވިޝަނުގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. މީގެ ކުރިން މި ދެ ޓީމުގެ އެންމެ ފާހަގަ ކޮށްލެވޭ ބައްދަލުވުމަކީ 2021 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަންގެ ފައިނަލެވެ. އެ އަހަރުގެ ފައިނަލްގެ ޖާގަ އާއެކު ދެ ޓީމަށް ވެސް ވަނީ ދެވަނަ ޑިވިޝަނުން ޖާގަ ޔަގީން ވެފަ އެވެ. އެ ފައިނަލް މެޗު ބުރު ސްޕޯޓްސް ކާމިޔާބު ކުރީ 11-0 ގެ ބޮޑު ތަފާތަކުންނެވެ.

ހަމަ އެއާއެކު ބިސް ބުރުން ވަނީ ރޭ އެފްއޭއެމް އެވޯޑްސް 2026 ހަފްލާގައި ހޮވި އެންމެ މޮޅު ރީޖަނަލް ކްލަބްގެ އެވޯޑް ހޯދައިފަ އެވެ.

މިއާ އެކު، މިދިޔަ ސީޒަންގެ ލީގު ހަތަރުވަނައިގައި ނިންމާލި ބުރު ސްޕޯޓްސް މި ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލި ވެފަ އެވެ. އަލަށް ޕްރޮމޯޓްވި ބިސް ބުރު މި ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްފަ އެވެ.

ލީގުގައި މިރޭ ބައްދަލުކުރާނީ އޮޑި ސްޕޯޓްސް ކްލަބާއި ގައްދޫ ރެކްރިއޭޝަނެވެ. މި މެޗު ކުޅޭނީ ގަލޮޅު ދަނޑުގަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް