ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ބޭފުޅުންނާ އެކު، މިނިސްޓަރު އަމީން އާއި އިސް މިނިސްޓަރުންގެ ބައްދަލުވުމެއް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ސަރުކާާރުގެ މިނިސްޓަރުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަތުރުވެރިކަމުގެ ސިނާއަތުގެ ބައެއް އިސް ބޭފުޅުން.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރައްވާ އިސް ބޭފުޅުންނާ އެކު، ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ހިމެނިވަޑައިގަންނަވާހެން ބައްދަލުވުމެއް ބާއްވަވައިފި އެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ބޭފުޅުންނާ އެކު އޮޔތް ބައްދަލުވުމުގައި މިނިސްޓަރު އަމީންގެ އިތުރުން، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު އާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އަދި ބަންޑާރަ ނައިބު އަޙުމަދު އުޝާމް ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން ޓެކްސް ކޮމިޝަނާ ޖެނަރަލް ފާތިމަތު އަމީޒާ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ބުނެފައި ވަނީ، އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ދިވެހިރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި، ދިމާާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރަށް ރާއްޖެ އިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ވެސް މަޝްވަރާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީ އިން ބުނެފައި ވަނީ، މިއީ ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތާ ގާތުން މަސައްކަތް ކުރުމަށް ދެމުން އަންނަ އަހަންމިއްޔަތުކަން ކަށަވަރުވެގެން ދިޔަ ކަމެއް ކަމަށެވެ. ހަމަ އެހެންމެ، ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ބޭފުޅުން ހުށަހަޅުއްވި ކަންކަމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފައި އެވެ.
އެ ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ސިނާއަތުން ބައިވެރިވެ ވަޑައިގެންނެވި އިސް ބޭފުޅުންގެ ތެރޭގައި ފަތުރުވެރިކަމުގެ އެއް ބާނީ އަދި ކްރައުން ކުންފުނީގެ ޗެއާޕާސަން ޙުސެއިން އަފީފް (ޗަމްޕާ އަފީފް)ގެ އިތުރުން، ސަން ކުންފުނީގެ އިސްވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ސިޔާމް މުޙައްމަދު އާއި، ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ޤާސިމް ހިމެނިވަޑައިގަންނަވަ އެވެ.
ސަރުކާރުގެ އިސް މިނިސްޓަރުން ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައި މި ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް އިތުރުވެފައިވާ ވަގުތެއްގައި އެވެ. އަދި އެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް ސަރުކާރުން މުހިންމު ނިންމުންތަކެއް ނިންމާފައިވާ ވަގުތެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް