އޭޝިއަން ގޭމްސް 2026: މެރާލް، 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް މުގުރާލައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އިއްޔެގެ އިވެންޓްގައި މެރާލް. -- ފޮޓޯ/ އެމްއޯސީ: ނައުޝަމް
ޖަޕާނުގެ ވެރިރަށް ޓޯކިއޯގެ، ޓޯކިޔޯ އެކުއަޓިކްސް ސެންޓަރުގައި މިއަދު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގެ ސްވިމިންގައި، 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުން މެރާލް އައިން ލަތީފް ގައުމީ ރެކޯޑް މުގުރާލައިފި އެވެ.
އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް މެރާލް މުގުރާލީ 01:22.06 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ 2025 ވަނަ އަހަރު ހަންގޭރީގައި ބޭއްވުނު އެގައުމުގެ 127 ވަނަ ނޭޝަނަލް ޗެމްޕިއަންޝިޕްސްގައި ހަމްނާ އަހުމަދު 01:23.38 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
މިއަދު ކުރިއަށް ދިޔަ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގައި ވާދަކޮށް މަލައިކާ ލިންޑާ އިމްރާން ރޭސް ފުރިހަމަ ކޮށްފައި ވަނީ 1:20.57 އިންނެވެ.
މީގެ އިތުރުން 4 ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ އިވެންޓް ވެސް މިއަދު ކުރިއަށް ދިޔަ އެވެ. މި ރޭހުގައި ވާދަ ކުރީ މެރާލް އާއި ލިންޑާގެ އިތުރުން މުހައްމަދު ރިހާން ޝިހާމް އާއި ލޫތު މުހައްމަދު ހުސައިން އެވެ. މި ޓީމު ރޭސް ނިންމާފައި ވަނީ 4:34.32 އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް