ޤަވާއިދާ ޚިލާފަށް މަގު ހުރަސްކޮށްފި ނަމަ، 100 ރުފިޔާގެ ޖޫރިމަނާއެއް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
މާލޭގެ މަގު މަތިން ބަޔަކު ހުރަސް ކުރާ މަންޒަރު / ފޮޓޯ: ދައުރު
ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހު އެއްގަމު ދަތުރު ދަތުރު ކުރުމުގެ ބިލު ފާސް ކުރުމާ އެކު، ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން ޖޫރިމަނާ ކުރެވޭ ގޮތަށް ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާމިން ޙަބީބު އެވެ. ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ފަހު ޖަލްސާގައި މި ބިލު ފާސްކޮށްފައި ވަނީ 47 މެމްބަރުންގެ ވޯޓާ އެކު އެވެ. މި ބިލުގެ ދަށުން ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާ އިން ޖޫރިމަނާ ކުރެވޭއިރު، މި ބިލާ ދެކޮޅަށް 12 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.
ބިލުގައި ބުނެފައި ވަނީ، ހިނގާ ބިނގާވެ އުޅޭ މީހުން މަގު ބޭނުން ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލު އަދި މިންގަނޑުތައް ހަދަން ޖެހޭނެ އެވެ. އޭގެ ތެރޭގައި މަގުގެ ދުވާރު ބޭނުން ކުރަން ޖެހޭ އުސޫލާއި، އެއްގަމު އުޅަނދު ދުއްވާ ސަރަހަައްދު ބޭނުން ކުރެވޭނެ ޙާލާތް އަދި މަގު ހުރަސް ކުރުމުގެ އުސޫލު ކަނޑައަޅަން ޖެހޭނެ އެވެ. ހަމައެހެންމެ، މަގު މަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިނގާ ބިނގާވެ އުޅޭ ފަރާތްތަކުން އަމަލު ކުރަން ޖެހޭ އުސޫލެއް ވެސް ކަނޑައަޅަން ވާނެ އެވެ. މި އުސޫލުތަކާ ޚިލާފަށް މަގު ހުރަސްކުރާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ އެވެ.
މި ބިލު ފާސްކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤު ކުރެއްވުމުން ޤާނޫނަކަށް ވާނެ އެވެ. މި ބިލު ތަސްދީޤު ކުރައްވާ ދުވަހުން ފެށިގެން، 30 ދުވަަސް ފަހުން ޤާނޫނަށް އަމަލު ކުރަން ޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް