ޚަބަރު

ހިލޭ އެހީގެ ގޮތުގައި 499 މިލިއަން ރުފިޔާ، މިއީ އަންދާޒާކުރި ވަރަށް ވުރެ އިތުރު އަދަދެއް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ހިލޭ އެހީގެ ގޮތުގައި 499 މިލިއަން ރުފިޔާ، މިއީ އަންދާޒާކުރި ވަރަށް ވުރެ އިތުރު އަދަދެއް

ދައުލަތުން 2026 ވަނަ އަހަރަށް ހުށަހެޅި ބަޖެޓު ފޮތް

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި 499 މިލިއަން ރުފިޔާ ރާއްޖެ އަށް ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީ އިން ނެރޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ދައުލަތަށް ވަނީ ހިލޭ އެހީގެ ގޮތުގައި 499 މިލިއަން ރުފިޔާ ލިބިފައި އެވެ. މިއީ މިއަހަރުގެ ތެރޭގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ 373 މިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދެކެވެ.

މީގެ އިތުރުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބުނު ހިލޭ އެހީ އަށް ވުރެ ވެސް އިތުރު އަދަދެއްކަން ފާހަގަކުރެވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ 252 މިލިއަން ރުފިޔާ އެވެ.

ހިލޭ އެހީގެ އިތުރުން މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެފައި އެވެ. މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 28.7 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި އާމްދަނީގެ ގޮތުގައި ލިބުނު އަދަދު އިތުރުވެފައި ވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރު ވުމުގެ ސަބަބުންނެވެ. ޓެކްސް އާމްދަނީގެ ގޮތުގައި ވަނީ 22.35 ބިލިއަން ރުފިޔާ ލިބިފައި ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފައިވެ އެވެ.

މީގެ އިތުރުން އޮގަސްޓު މަހުގެ ނިޔަލަށް ދައުލަތުގެ ޖުމުލަ ޚަރަދުގެ ގޮތުގައި ވަނީ 30.86 ބިލިއަން ރުފިޔާ ޚަރަދުވެފައި އެވެ. މީގެ ތެރެއިން ބޮޑު އިންސައްތައެއް ހޭދަވެފައި ވަނީ ރިކަރަންޓް ޚަރަދަށް ކަމަށްވާއިރު، ރިކަރަންޓް ޚަރަދުގެ ގޮތުގައި ވަނީ 26.98 ބިލިއަން ރުފިޔާާ ޚަރަދުވެފައި އެވެ. ކެޕިޓަލް ޚަރަދުގެ ގޮތުގައި ވަނީ 3.88 ބިލިއަން ރުފިޔާ ޚަރަދުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް