Article Top
ކުޅިވަރު •

އެންމެ މޮޅު ކްލަބާއި އެންމެ މޮޅު ރީޖަނަލް ކްލަބްގެ އެވޯޑް، މޮޅުވާނީ ކޮން ބައެއް؟

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އެންމެ މޮޅު ކްލަބާއި އެންމެ މޮޅު ރީޖަނަލް ކްލަބްގެ އެވޯޑް، މޮޅުވާނީ ކޮން ބައެއް؟

އެފްއޭއެމް އިން މިރޭ ބާއްވާ "އެފްއޭއެމް އެވޯޑްސް 2026" ގައި ދޭން ހަމަޖެހިފައިވާ "އެންމެ މޮޅު ކްލަބް" އަދި "އެންމެ މޮޅު ރީޖަނަލް ކްލަބް" ގެ އެވޯޑަށް ނޮމިނޭޓްވި ޓީމުތައް އިއުލާނު ކޮށްފި އެވެ.

އެންމެ މޮޅު ކްލަބުގެ އެވޯޑަށް ތިން ޓީމު ވާދަ ކުރާއިރު، އެ ކްލަބްތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި އޮޑި ސްޕޯޓްސް ކްލަބެވެ.

Advertisement
Article Inside

މިދިޔަ ސީޒަނުގައި ޗެރިޓީ ޝީލްޑްގެ އިތުރުން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާޒިޔާ ވަނީ ހޯދައިފަ އެވެ. އެފްއޭ ކަޕްގެ ކުއާޓާއިން ނިންމާލަން ޖެހުނު އިރު އެ ޓީމު ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ވާދަ ކޮށްފަ އެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ވަނީ 2018 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގައި ވާދަކޮށް ލީގުގެ ތިންވަނަ ހޯދިއެވެ. އަދި ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލަށް ދިޔައިރު، އެފްއޭ ކަޕް ފައިނަލްގައި މާޒިޔާ ބަލިކޮށް ވަނީ ތަށި އުފުލާލައިފަ އެވެ.

މުޅިން އަލަށް ޕްރިމިއާ ލީގަށް ޕްރޮމޯޓްވެ، އޮޑި ސްޕޯޓްސް ކްލަބް ވަނީ ތާރީހީ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ލީގުގެ ދެވަނަ މަގާމު ހޯދުމުގެ އިތުރުން، ޕްރެޒިޑެންޓްސް ކަޕް ފައިނަލްގައި މާޒިޔާ ބަލިކޮށް ޝަރަފުވެރި ތަށި ކާމިޔާބު ކުރި އެވެ.

މިދިޔަ ސީޒަންގައި އަލަށް ފެށި ރީޖަނަލް ލީގު ސިސްޓަމުގެ ދަށުން ކުޅުނު ހަތަރު ރީޖަންގެ ޗެމްޕިއަނުން ވަނީ އެންމެ މޮޅު ރީޖަނަލް ކްލަބުގެ އެވޯޑަ ނޮމިނޭޓް ވެފަ އެވެ. އެއީ ނޯތު ރީޖަން ޗެމްޕިއަން ދިއްދޫ ސްޕޯޓްސް، ސެންޓްރަލް ރީޖަން ޗެމްޕިއަން ހުރާ ކޮމިއުނިޓީ ކްލަބް، ސައުތު ރީޖަން ޗެމްޕިއަން ގައްދޫ ރެކްރިއޭޝަން ކްލަބް އަދި މާލޭ ރީޖަން / ދެވަނަ ޑިވިޝަން ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްލަބެވެ.

މި ހަތަރު ކްލަބް ވެސް ވަނީ ދިވެހި ޕްރިމިއާ ލީގު ޕްލޭއޮފްގައި ވާދަކޮށްފަ އެވެ. އަދި ޕްލޭއޮފްގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެން ބިސް ބުރު، ދިއްދޫ އަދި ގައްދޫ ވަނީ ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެސް ވެފަ އެވެ.

މި އަހަރުގެ އެވޯޑްސްގެ ނޮމިނޭޝަންތައް ކަނޑައަޅާފައިވަނީ ކުރީގެ ގޯލްކީޕަރު މައުރޫފް އަޙްމަދު (މާއްޓޭ) އިސްކޮށް ހުންނަވައި އެކުލަވާލި ހާއްސަ ކޮމިޓީއަކުންނެވެ. އެވޯޑްސް ނައިޓް އޮންނާނީ މިރެއެވެ.

މި އެވޯޑް ނައިޓްގައި ދިނުމަށް ހަމަޖެހިފައިވާ މުހިންމު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (ފިރިހެން އަދި އަންހެން)، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ އުންމީދީ ކުޅުންތެރިޔާ، އެންމެ މޮޅު ގޯލްކީޕަރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ކޯޗު، އެންމެ މޮޅު ރެފްރީ، އެންމެ މޮޅު ކްލަބް، އެންމެ މޮޅު ރީޖަނަލް ކްލަބް އަދި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާގެ އެވޯޑު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް