ކުޅިވަރު •

ޗެސް އޮލިމްޕިއާޑް 2026: ރާއްޖޭގެ ލައިސާ އަށް ވުމަން ކެންޑިޑޭޓް މާސްޓާ ޓައިޓަލް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ޗެސް އޮލިމްޕިއާޑް 2026: ރާއްޖޭގެ ލައިސާ އަށް ވުމަން ކެންޑިޑޭޓް މާސްޓާ ޓައިޓަލް

ވުމަން ކެންޑިޑޭޓް މާސްޓާ ލައިސާ -- ފޮޓޯ/ ޗެސް އެސޯސިއޭޝަން

އުޒްބެކިސްތާނުގެ ސަމަރްކަންދުގެ ކުރިއަށްދާ 46 ވަނަ ފީޑޭ ޗެސް އޮލިމްޕިއާޑްގައި ވާދަކޮށް، ރާއްޖޭގެ މަރިޔަމް ލައިސާ އަބްދުއްރަޝީދު، ވުމަން ކެންޑިޑޭޓް މާސްޓާ ޓައިޓަލް ހާސިލް ކޮށްފި އެވެ.

މިއާ އެކު އޭނާ ވެގެން ގޮސްފައި ވަނީ ބައިނަލްއަގުވާމީ ޗެސް ފެޑެރޭޝަން (ފިޑޭ) ގެ ޓައިޓަލް އެއް ހާސިލް ކޮށްފައިވާ ރާއްޖޭގެ މަދު އެލީޓް ކުޅުންތެރިންގެ ތެރެއިން އެކަކަށެވެ.

މުބާރާތުގައި ލައިސާ ދެއްކި ތަފާތު މޮޅު ކުޅުމާއެކު ހޯދި މި ކާމިޔާބީއަށް މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ވަނީ އޭނާއަށް މަރުހަބާ ކިޔައި، ސާބަސް ދީފަ އެވެ. ޗެސް އެސޯސިއޭޝަނުން ފާހަގަކުރި ގޮތުގައި، ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ލައިސާ ހޯދި މި ތާރީހީ ކާމިޔާބީއަކީ ރާއްޖޭގެ ޗެސް ކުރިއެރުވުމަށާއި، ހާއްސަކޮށް ޒުވާން އަންހެން ކުޅުންތެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެކެވެ.

ރާއްޖޭގައި މިހާތަނަށް ގްރޭންޑް މާސްޓަރެއް ނެތް ނަމަވެސް، ލައިސާގެ މި ކާމިޔާބީއާއެކު، ރާއްޖޭގައި ފިޑޭގެ ރަސްމީ މާސްޓާ އަދި ކެންޑިޑޭޓް މާސްޓާ ޓައިޓަލް އޮތް ކުޅުންތެރިންގެ ޖުމްލަ އަދަދު މިހާރު ވަނީ ނުވައަކަށް އަރައިފަ އެވެ. އެއީ ފިޑޭ މާސްޓާ މުހައްމަދު ޝުއާއު އާއި ފިޑޭ މާސްޓާ އަހުމަދު އަޝްރަފް، ކެންޑިޑޭޓް މާސްޓާ ހަސަން މުހައްމަދު އާއި ކެންޑިޑޭޓް މާސްޓާ އަލީ އަބްދުއްރަހްމާން، ވުމަން ފިޑޭ މާސްޓާ ނުހާ ރިލްވާން އާއި ވުމަން ފިޑޭ މާސްޓާ އާއިޝަތު އިވާ ހަސަން، އަދި ވުމަން ކެންޑިޑޭޓް މާސްޓާ ނިހާޔާ އަހުމަދު އާއި ވުމަން ކެންޑިޑޭޓް މާސްޓާ އާމިނަތު ސާރާ ހަލީމްގެ އިތުރުން ވުމަން ކެންޑިޑޭޓް މާސްޓާ މަރިޔަމް ލައިސާ އަބްދުއްރަޝީދެވެ.

ރާއްޖޭގެ އެންމެ މަތީ ފިޑޭ ރޭޓިންއެއް އޮންނަ ޝުއާއު ވަނީ މި މުބާރާތުގައި ފުރަތަމަ ފަހަރަށް ގްރޭންޑް މާސްޓަރެއް ބަލިކޮށް ތާރީހީ މޮޅެއް ވެސް ހޯދައިފަ އެވެ.

ރާއްޖޭގެ އަންހެން ޓީމު ވަނީ އެންމެ ފަހުން ކުޅުނު ނުވަވަނަ ބުރުގައި 3.5-0.5 ގެ ނަތީޖާއަކުން ކޮސޯވޯ ބަލިކޮށްފަ އެވެ. މި މެޗުގައި އެންމެ ފުރަތަމަ ކުޅުނު ގޭމުގައި ނިހާޔާ ވާދަކޮށް ނިމުނީ އެއްވަރު ވެގެންނެވެ. ނަމަވެސް ދެން ކުޅުނު ގޭމްތައް ލައިސާ އާއި އީނާ އަބްދުﷲ ހަސަން އަދި އައިޝަތު ނޯޔާޝަހުރުއްދީން ޝަރީފް ވަނީ ކާމިޔާބު ކޮށްފަ އެވެ. ކުރިއަށް އޮތް 10 ވަނަ ބުރުގެ މެޗުގައި ރާއްޖޭގެ ޓީމު ނުކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް