ޚަބަރު

ސިއްހީ ދާއިރާއިން ރާއްޖޭން ހޯދި ކާމިޔާބީއަށް ހާއްސަ އެވޯޑެއް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ސިއްހީ ދާއިރާއިން ރާއްޖޭން ހޯދި ކާމިޔާބީއަށް ހާއްސަ އެވޯޑެއް

ރާއްޖެއިން ސިއްހީ ދާއިރާއިން ހޯދި ކާމިޔާބީ ފާހަގަކުރަން އެވޯޑު އަރުވަނީ --- ފޮޓޯ/ ޑަބްލިއުއެޗްއޯ

ސިއްހީ ދާއިރާއިން ރާއްޖެ ހޯދައިފައިވާ ކާމިޔާބީތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމުއްޔާ (ޑަބްލިއުއެޗްއޯ) އިން ހާއްސަ އެވޯޑެއް ރާއްޖެއަށް އަރުވައިފިއެވެ.

މިހާރު ޓިމޯ ލެސްޓޭގައި ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމުއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ސަރަހައްދީ ކޮމިޓީގެ ބައްދަލުވުމުގައި އެ އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވީ ރާއްޖޭގެ ސިއްހީ ވަޒީރު ގީލާ އަލީއެވެ. ރާއްޖެއަށް އެ އެވޯޑު އެރުވީ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދޮނަމް ގެބްރިޔޭސަސްއެވެ.

އެ އެވޯޑަކީ ދޮށީ އުމުރަށް ދިއުމުގެ ކުރިން ގައިން ގަޔަށް ނާރާ ބަލިތައް ކަމަށްވާ ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ބަލިތަކުގައި މަރުވާ މިންވަރު ނުވަތަ ޕްރީމެޗުއަރ މޯޓަލިޓީ، މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި، ހާސިލުކުރުމަށް ކަނޑައެެޅި މުއްދަތަށް ވުރެ ކުރިން ހާސިލުކުރުމުން އެރުވި އެވޯޑެކެވެ.

ރާއްޖެއިން އެ ލަނޑުދަނޑި ހާސިލުކުރުމަށް އަމާޒުހިފީ 2030 ގެ ކުރިންނެވެ. ނަމަވެސް ރާއްޖެއިން ވަނީ އެ ލަނޑުދަނޑިއަށް މިއަހަރު ވާސިލުވެ، ހާސިލުކުރުމަށް އަމާޒުހިފި މުއްދަތަށްވުރެ 4 އަހަރު ކުރިން އެ އަމާޒަށް ވާސިލުވެފައެވެ.

މީގެ އިތުރުން، މައިންނާއި އުފަންވާ ކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މެޓާނަލް އަދި ނިއޯނޭޓަލް ޓެޓެނަސް ބަލި ނައްތާލެވިފައިވާކަން ކަށަވަރުކުރެވުނުތާ 10 އަހަރުވެ، އެކަން ދަމަހައްޓާފައިވާތީ، ޑަބްލިޔުއެޗްއޯއިން ވަނީ ރާއްޖޭގެ މަސައްކަތް ބަލައިގަނެ އަގުވަޒަންކޮށްފައެވެ

މެޓާނަލް ޓެޓެނަސްއަކީ، މާބަނޑު ދުވަސްވަރު ނުވަތަ ވިހެމަށްފަހު މައިމީހާއަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމަށް މެދުވެރި ވަނީ، ވިހެއުމާއި އެނޫންވެސް ސިއްޚީ ފަރުވާތަކުގައި ސްޓްރައިލް ނުކުރާ އާލަތްތައް ބޭނުން ކުރުމުންނެވެ. އުފަންވާ ކުދިންނަށް މި ބަލި ޖެހެން މެދުވެރިވަނީ، ފޫޅު ކެނޑުމުގައި ސާފު ނުކުރާ އާލަތެއް ބޭނުން ކުރުމުންނެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ، ރާއްޖެއިން ހޯދާފައިވާ މި ކާމިޔާބީތަކަކީ، ސަރުކާރާއި މުޅި މުޖުތަމަޢު އެއް ވިސްނުމެއްގައި ކުރި މަސައްކަތުން ހޯދާފައިވާ ކާމިޔާބީތަކެއްކަން ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް