އައު ޤާނޫނަށް އަމަލުކުރަން ފެށިތާ ފަސް ދުވަހުގެ ތެރޭގައި 653 މީހަކަށް ފިޔަވަޅު އަޅައިފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ޓްރެފިކް ފުލުހުން އުޅަނދު ބަލައި ފާސްކުރުމުގެ ތެރެއިން
އަލަށް އަަމަލު ކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން މިހާތަނަށް 653 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ހާމަކޮށްފި އެވެ.
އަލަށް އެކުލަވާލި މި ޤާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން، މި ފާއިތުވި ފަސް ދުވަހުގެ ތެރޭގައި 653 މީހަކަށް ފިޔަވަޅު އަޅާފައިވާއިރު، މިއީ ކުޑަ މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑު އަދަދެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބުނެފައި ވަނީ، އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް 653 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށާއި، 183 އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަަށެވެ. މި މުއްދަތުގެ ތެރޭގައި 45 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އަލަށް އަމަލުކުރަން ފެށި ޤާނޫނުގެ ދަށުން، ޤަވާއިދާ ޚިލާފުވާ ފަރާތްތައް ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމައިފަ އެވެ. ނުރައްކާތެރިކޮށް، ނުވަތަ ފަރުވާ ކުޑަކޮށް އެއްވެސް އުޅަނދެއް ދުއްވުން މަނާކޮށްފައިވާއިރު، އެފަދަ ކުށެއް ކުރާ މީހަކު 25،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އެފަދަ ކުށެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިއްޖެ ނަމަ، ނުވަތަ މަރުވެއްޖެ ނަމަ ޖިނާއީ ދައުވާ އުފުލޭނެ އެވެ. އަދި ފަސް އަހަރާއި، 10 އަހަރާ ދެމެދުގެ މުއްދަތަކަށް އެ މީހެއްގެ ލައިސަންސް ވެސް ބާތިލުކުރެވޭނެ އެވެ.
މީގެ އިތުރުން އުޅަނދެއް ރަޖިސްޓްރީ ނުކޮށް ދުއްވުމާއި، ލައިސަންސް ނެތި ދުއްވުން އަދި ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ބާރަށް ދުއްވާ ނަމަ ވެސް ފިޔަވަޅު އަޅާނެ އެވެ. ރަޖިސްޓްރީ ނުކުރާ އުޅަނދެއް ދުއްވާ މީހަކު 10،000 ރުފިޔާ އިން ޖޫރިމަނާ ކުރާއިރު، އުޅަނދުގެ ވެރި ފަރާތް 1000 ރުފިޔާ އިން ޖޫރިމަނާ ކުރެ އެވެ.
ހަމައެހެން ލައިސަންސް ނެތި ދުއްވައިފި ނަމަ ފުރަތަމަ ފަހަރު 1000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ. ދެ ވަނަ ފަހަރު 1500 ރުފިޔާ އިން ޖޫރިމަނާ ކުރާއިރު، ތިން ވަނަ ފަހަރު 2000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ. އަދި އޭގެ ފަހުން އިތުރުވާ ކޮންމެ ފަހަރަކު ދެގުނަ މިންވަރަކަށް ޖޫރިމަނާ ކުރެވޭނެ އެވެ.
މިފަދަ ފިޔަވަޅުތަކެއް ޤާނޫނުގައި ކަނޑައެޅުމުގެ މަޤުސަދަކީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން މަދު ކުރުމާއި، މަގު ތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ އިތުރުން، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އަމަލުކުރާ މީހުން ގިނަކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް