މުންދު: ޕީއެންސީއާ ވަކި ނުކުރެވޭނެ ނަމެއް، ނައިބުރައީސް ކަމަށް ވާދަކުރައްވަނީ އިތުބާރާއެކު!
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ޕީއެންސީގެ ނައިބު ރައީސް އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފު.
މި ދުވަސްވަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަރަށް މުހިންމު ޙަރަކާތެއް ހިނގަމުން އަންނަ ދުވަސްވެރެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީހުގެ އިންތިޚާބުގެ ފޯރި ގަދަވެ، އިންތިޚާބުގެ ކެމްޕެއިން އާއި ޙަރަކާތްތައް ހިނގަމުން އަންނަ ދުވަސްވަރެވެ. އެންމެ ވާދަވެރި މަޤާމަކަށް ވެފައި އޮތީ ޕީއެންސީގެ ނައިބު ރައީސުންގެ މަޤާމު ކަމަށްވާއިރު، މި މަޤާމު ތަކަށް ވާދަކުރައްވަނީ ވެސް ޕާޓީގެ އެކި އެކި ލެވެލްގެ ބޭފުޅުންނެވެ.
މީގެ ތެރެއިން ޕީއެންސީގެ ސިޔާސީ މައިދާނުގައި ނަމޫނާ ދައްކަވަމުންދާ ޚިދުމަތްތެރި، އަދި ޕާޓީގެ އަސާސްތަކާއި ފިކުރު ދެމެހެއްޓުމުގައި ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެއްވެސް މެދުކެނޑުމެއް ނެތި އެންމެ އިސް ދައުރެއް އަދާކުރައްވަމުން އަންނަ އެއް ބޭފުޅާ އެވެ.
ޕީއެންސީގެ ނައިބު ރައީސްކަމުގެ މަޤާމަށް އެމަނިކުފާނު އިންތިޚާބު ކުރުމަކީ ހަމައެކަނި ޕާޓީގެ އޮނިގަނޑަށް ގެނެވޭ ބަދަލެއް ނޫނެވެ. އެއީ ޕާޓީގެ ހަޤީޤީ ރޫޙާއި، ވަފާތެރިކަމާއި، އަދި މުޅި ޕާޓީގެ ކުރިއެރުމަށް ދެވޭ އެންމެ ފުރިހަމަ އަދި އެންމެ އިންސާފުވެރި ޤަދަރު ހޯދައި ދިނުން ކަމަށް ބުނެވިދާނެ އެވެ.

ޕާޓީ އުފެދުނީއްސުރެ މިއަދާ ހަމައަށް އައިއިރު، ޕާޓީގެ އެންމެ އަސާސީ ސިޔާސަތުތައް ލިޔެ އެކުލަވައިލުމުގައި މުންދު ބަހައްޓަވާފައިވާ އަމަލީ އިސްނެގުމާއި، ޕާޓީގެ ލޯގޯ ފަރުމާ ކުރުމުން ފެށިގެން ގޮސް، ލޯގޯ ކަނޑައެޅުމުގެ މަސައްކަތުގައި އެމަނިކުފާނުގެ އުފެއްދުންތެރި ހިއްސާ އެބަ އޮތެވެ. މިއީ ހަމައެކަނި ޕާޓީގެ ނަމެއްގައި ހުރި މެންބަރެއް ނޫން ކަމަށާއި، ބިންގަލުން ފެށިގެން ޕާޓީ ބިނާކުރުމުގައި އުޅުއްވި އަދި ޕާޓީގެ ނާރުތަކާ ގުޅިފައިވާ ހަޤީޤީ ބާނީއެއްކަން މިއިން ސާބިތުވެ އެވެ.
ޕާޓީ އަށް އެކި ދުވަސްވަރު ދިމާވި ހީނަރުކަމާއި، ގޮންޖެހުންތަކާއި، ސިޔާސީ ބޮޑެތި ތޫފާންތަކުގެ ތެރޭގައި، ޕާޓީގެ ފުރަތަމަ އިންތިޚާބު ކުރެވުނު ނައިބު ރައީސުންގެ ތެރެއިން މިއަދު ވެސް ސާބިތުކަމާއެކު ޕާޓީގައި ފަހަތަށް ނުޖެހި މަސައްކަތް ކުރެއްވުމުގައި ތިއްބެވީ އެންމެ ދެ ބޭފުޅުންނެވެ. އޭގެ ތެރެއިން އެއް ބޭފުޅެއްގެ ހައިސިއްޔަތުން މުންދު ވަނީ ޕާޓީ އަށް ދެއްކެވި ސާބިތުކަމާއި، ނުގުޑާފަދަ ވަފާތެރިކަން އަމަލުން ސާބިތުކޮށްދެއްވާފައި އެވެ.
ސިޔާސީ އެކި ވިއްސާރައިގައި އަމިއްލަ އެދުން އިސްކޮށް ޕާޓީ ދޫކޮށް ނުގޮސް، ޕާޓީގެ މަސްލަހަތު އިސްކޮށް، ދުވަހުން ދުވަހަށް ކުރިމަތުވި ބޮޑެތި ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައްވައިގެން ސާބިތުވެ ތިއްބެވި މަދު ބޭފުޅުންގެ ސަފުގެ ކުރީގައި އެމަނިކުފާނު ހުންނެވުމަކީ މެންބަރުންގެ ހިތްތަކުގައި އެމަނިކުފާނަށް އޮތް ލޯތްބާއި އިތުބާރު އެތައް ގުނައެއް ބޮޑުވެގެންދާ ސަބަބެކެވެ. ޕާޓީގެ ހުރިހާ އޮނިގަނޑެއް، ޤަވާއިދުތަކެއް، އަދި ފިކުރެއް އެންމެ ފުރިހަމައަށް ދެނެވަޑައިގަންނަވާނީ ވެސް މިފަދަ ތަޖުރިބާކާރު، ވިސްނުން ތޫނު ލީޑަރުންނެވެ.

މީގެ އިތުރުން، ޕާޓީން ހަވާލުކުރާ ކޮންމެ މަސްއޫލިއްޔަތެއް ވެސް، ޒާތީ އެއްވެސް އެދުމެއް ނެތި، ފުރިހަމަ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އަދި ހީވާގިކަމާއެކު އަދާކުރައްވާ ބޭފުޅެއްގެ ގޮތުގައި މުންދު ފާހަގަކުރެވެ އެވެ. އެމަނިކުފާނުގެ ކިބައިގައި ހުންނަ އެކުވެރިކަމާއި، އެންމެނާ ގުޅިގެން މަސައްކަތްކުރުމުގެ ރޫޙުގެ ސަބަބުން، ޕާޓީގެ އާންމު މެންބަރުންނާ ވަރަށް ގާތް ގުޅުމެއް ބާއްވަވައި، މެންބަރުންގެ ޚިޔާލާއި ކަންބޮޑުވުންތައް އަޑުއަހައި، އެ ކަންކަމަށް ލީޑާޝިޕްގެ ފެންވަރުގައި އަވަސް ހައްލު ހޯދައި ދިނުމުގައި އަބަދުވެސް ނަމޫނާ ދައްކަވަ އެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ޕީއެންސީ އިން ކުރިމަތިލީއިރު، އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި މިހާރުގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ އަކީ ވެސް މުންދު ތައްޔާރު ކުރައްވާފައިވާ އެއްޗެކެވެ. މެނިފެސްޓޯގެ ޑްރާފްޓިން މަސައްކަތުން ފެށިގެން ގޮސް، ރަސްމީކޮށް އާންމު ކުރުމުގެ ހުރިހާ މަސައްކަތެއްގައި މުންދު އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ.

މުންދު އަކީ ޚާރިޖީ ދާއިރާގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ، އެ ދާއިރާގެ ވެސް ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. ޕީއެންސީ އުފެދުނު ދުވަހުން ފެށިގެން ވެސް، އެ ޕާޓީގެ ޚާރިޖީ ގުޅުންތަކުގެ ކަންތައްތަކާއި، އެ މަސައްކަތް ކުރައްވައި، އެކަންކަން ބަައްލަވަމުން ގެންދަވަނީ މުންދު އެވެ. އެކުވެރި ޤައުމުތަކާ އެކު ވާހަކަ ދައްކައި، މަޝްވަރާ ކުރުމާއި، އިދިކޮޅުގައި އޮތްއިރު ރާއްޖޭގެ ޙާލަތު ޤައުމު ތަކަށް ބުނެދިނުމުގެ މަސައްކަތް ވެސް ކުރެއްވީ މުންދު އެވެ.
މިއީ ޕާޓީގެ އެތެރޭގައި އެންމެ މަޤުބޫލު، އެންމެ އިތުބާރުކުރެވޭ، އަދި އެންމެ އެކުވެރި އެއް ބޭފުޅަކަށް އެމަނިކުފާނު ވުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބެވެ. ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް އުނދަގުލެއް ނެތި ވާހަކަ ހިއްސާ ކޮށްލެވޭ، އަދި އަބަދުވެސް ހިނިތުންވުމަކާއެކު މަރުޙަބާ ދަންނަވާ އޯގާތެރި ލީޑަރެކެވެ.
ޚާއްސަކޮށް، މިހާރު ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަޤާމުގެ ބުރަ އަދި ޒިންމާދާރު މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވަމުން، ޕާޓީގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓު ބެލެހެއްޓުމުގެ ނުހަނު ބުރަ މަސައްކަތް އެއްވެސް ޝަކުވާއެއް ނެތި، ވަރަށް ފުރިހަމަ އަށް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ.

މި ދެ މަސްއޫލިއްޔަތަކީ ވެސް ޕާޓީގެ ސިޔާސީ މެސެޖުތައް އާންމުންނާ ހަމައަށް ތެދުކޮށް، ހަލުވިކަމާއެކު ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ދާއިރާއަށްވާއިރު، އެމަނިކުފާނު ވަނީ މި ދެ ދާއިރާ އިން ވެސް މަތީ ފެންވަރުގެ ނަތީޖާ ނެރެދެއްވާފައި އެވެ. ރެޔާއި ދުވާލު، ޕާޓީގެ ހައްޤުގައި، ވަރުބަލިވުމެއް ނެތި ކުރައްވާ މި މަސައްކަތްތަކަކީ އެމަނިކުފާނުގެ މަސައްކަތަށް ހުރި ލޯތްބާއި ޕްރޮފެޝަނަލިޒަމް ހާމަކޮށްދޭ އަލިގަދަ ހެތްކެކެވެ.
މިފަދަ ކޮލެޓީ ސިފަތަކާއި، ޤާބިލުކަމާއި، ޕާޓީ އަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ ސަބަބުން، ޕީއެންސީގެ ކުރިމަގު އިތުރަށް އާރޯކޮށް، ޕާޓީގެ އަސްލު ފިކުރާއި މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ އެންމެ ޤާބިލު، އަދި ޕާޓީ އަށް ހައްގު މިންވަރަށް ޚިދުމަތްކޮށްދެއްވާފައިވާ މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އަކީ ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމަށް އެންމެ އެކަށީގެންވާ އަދި އެ މަޤާމުގެ އެންމެ ހައްގުވެރިޔާ ކަމުގައި ޔަޤީނާ އެކު ދެންނެވިދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް