ހުޅުމާލޭގައި ތާރު ބޭނުންކޮށްގެން ބަންޕަރު ހަރުކުރުމުގެ މަސައްކަތް ފަށައިފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ހުޅުމާލޭގައި ތާރު ބަންޕަރު ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގަައި ބަންޕަރުތައް ހަރުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
އެޗްޑީސީ އިން ބުނެފައި ވަނީ މީގެ ކުރިން ހުޅުމާލޭގައި ހަރުކުރި ރަބަރު ބަންޕަރުތައް އާންމު ރައްޔިތުންގެ ޝަކުވާ އާއި ކަންބޮޑުވުންތަކުގެ ސަބަބުން ނެގުމަށް ފަހު، މިހާރު ތާރު ބޭނުންކޮށްގެން ބަންޕަރު ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބަންޕަރުތައް ހަރުކުރަމުން އަންނަނީ ހުޅުމާލޭގައި އެކްސިޑެންޓުތައް ހިނގާ ކަމަށް ފުލުހުން އެންމެ ގިނައިން ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި އެވެ.
އެޗްޑީސީ އިން ބުނެފައި ވަނީ މީގެ ކުރިން އާންމުންގެ ޝަކުވާ ބޮޑުވެ ނަގަން ޖެހުނު ބަންޕަރުތައް ހަރުކޮށްފައި ހުރި ދުވަސްވަރު، އެކްސިޑެންޓުތައް ހިނގާ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އެ ބަންޕަރުތަް ނެގުމަށް ފަހު މިހާރު ހަރުކުރަން ފެށި ބަންޕަރުތަކަކީ، އެންމެ ފުރަތަމަ ހުޅުމާލޭގައި ހަރުކުރި ބަންޕަރުތަކާ އެއް ޑިޒައިން އަކަށް ތައްޔާރުކޮށްފައިވާ ބަންޕަރުތަކެކެވެ.
ހުޅުމާލޭގައި ކުރިން ހަރުކުރި ރަބަރު ބަަންޕަރު ތަކުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާ އާއި ކަންބޮޑުވުން އުފެދި، އެކަން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާ ހަމައަށް ވެސް ގެންދިޔަ އެވެ. ރައްޔިތުންގެ ޝަކުވާ ބޮޑުވުމުގެ ސަބަބުން ފަހުން ވަނީ އެ ބަންޕަރުތައް ނަގައިފަ އެވެ. އައު ބަންޕަރުތަކެއް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީ އިން ފަށާފައި މި ވަނީ، މި ދުވަސްވަރު ވަރަށް ގިނައިން އެކްސިޑެންޓުތައް ހިނގާ ކަމަށް ފާހަގަ ކުރެވިފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް