ކޮންމެ ފަރުދެއްގެ ވެސް ނަފުސާނީ ހާލަތަށް ފަރުވާތެރިވާން ޖެހޭނެ: މެޑަމް ސާޖިދާ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ބޭއްވޭ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ކޮންމެ ފަރުދެއްގެ ވެސް ނަފްސާނީ ހާލަތަށް ފަރުވާތެރިވާންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ބޭއްވޭ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ އޮފީހަށް އަންނައިރު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ، ސިއްހީ، އަދި ދަރިންގެ ކިޔެވުން ފަދަ ކަންކަމާއި ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތައް ހުންނާނެކަމަށެވެ.
މެޑަމް ވިދާޅުވީ ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 12 ބިލިއަން މަސައްކަތު ދުވަސް ދުނިޔެއިން ގެއްލިގެންދާކަމަށާއި، މިއީ އުފެއްދުންތެރިކަމަށް ބަލާއިރު 1 ޓްރިލިއަން އެމެރިކާ ޑޮލަރު ގެއްލިގެންދާކަމެއްކަމަށް ވެސް މެޑަމް ވިދާޅުވިއެވެ.
މީގެއިތުރުން 2021 ވަނަ އަހަރުގެ ސްޓެޕްސް ސާވޭ ބުނާގޮތުން، ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ ޢަލާމާތްތައް ތަޙައްމަލުކުރާ މީހެއްކަން ހާމަވެފައިވާތީ، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލަން ޖެހޭކަމަށް ވެސް މެޑަމް ވިދާޅުވިއެވެ.
މި މަހާސިންތާގެ ތެރެއިން، ދިރާސާތަކުގެ މައްޗަށް ބިނާކޮށް އިލްމީ އަދި އަމަލީ ކަރުދާސްތަކެއް އެކުލަވާލައި، ދިވެހި އޮފީސްތަކަކީ މުވައްޒަފުންނަށް ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުވާ، އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ހިތްހަމަޖެހުން ލިބޭ ތަންތަނަށް ހެދުމުގެ މުހިންމުކަން ފާހަގަ ކުރައްވާ، ހުރިހާ މުވައްޒަފުންނަށް އިހުތިރާމްކޮށް، އެކުވެރި މާހައުލެއް ގާއިމުކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށް ވެސް އެކަމަނާ އެދިވަޑައިގަތެވެ.
އެ މަހާސިންތާ އަކީ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް (އެންއެމ.އެޗްޑީ)އާއި، ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސްސީ) އަދި ޑަބްލިއުއެޗްއޯ މޯލްޑިވްސް ގުޅިގެން، ސިވިލް ސަރވިސްގެ ސުޕަވައިޒަރުންނާއި މެނޭޖަރުންނަށް ހާއްސަކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް