ބައްޕަ ނިޔާވުމުގެ ސަބަބުން ބޮޑު ވަޒީރު ބާންހަމްގެ ރަސްމީ ހަރަކާތްތައް ކެންސަލް ކުރައްވައިފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް އާއި އޭނާގެ ބައްޕަ
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމްގެ ބައްޕަ، ރޯއީ ބާންހަމް ނިޔާވުމާ ގުޅިގެން ރޭވިފައި ހުރި ހުރިހާ ރަސްމީ ހަރަކާތްތަކެއް އޭނާ ކެންސަލް ކުރައްވައިފި އެވެ.
އެންޑީ ބާންހަމް ކެންސަލް ކުރެއްވި ހަރަކާތްތަކުގެ ތެރޭގައި، އަންގާރަ ދުވަހު ބްރައިޓަންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮތް ޓީޔޫސީ ކޮންފަރެންސްގައި ބޮޑު ވަޒީރުގެ ހައިސިއްޔަތުން ދެއްވުމަށް އޮތް ތަގުރީރު ވެސް ހިމެނެ އެވެ.
ބާންހަމްގެ ބައްޕަ ނިޔާވިއިރު އުޅުއްވީ އަލްޒައިމާ ބަލީގައި ކެއާ ހޯމްއެއްގައި އެވެ. މިދިޔަ ޖުލައި މަހު ބާންހަމް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ބައްޕަގެ ބަލި ހާލަތު ހުރި ގޮތުން އޭނާ ބޮޑު ވަޒީރުކަމާ ހަވާލުވާން އުޅޭކަން ވެސް ބައްޕަ އަށް ފަހުމު ނުވާ ކަމަށެވެ.
"ދަ ޓައިމްސް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ބާންހަމް ވިދާޅުވީ، ބައްޕަ އެކަމާ ފަޚުރުވެރިވާނެކަން އެނގޭ ކަމަށެވެ. ނަމަވެސް އޭނާ ދެކޭ ގޮތުގައި އެއީ މުޅި އާއިލާ އަށް ލިބުނު ކާމިޔާބީއެއް ކަމަށާއި، އޭގެ ތެރޭގައި ބައްޕަގެ ހިއްސާ ވެސް ބޮޑު ކަމަށެވެ.
ބައްޕަގެ ބަލި ހާލަތާ ގުޅިގެން ކުރިމަތިވި ތަޖުރިބާތަކުގެ ސަބަބުން، އިޖުތިމާއީ އަޅާލުން ނުވަތަ ސޯޝަލް ކެއާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބާންހަމް ވަނީ މީގެ ކުރިން ވެސް ވަކާލާތު ކުރައްވާފައި އެވެ.
ބޮޑުވަޒީރުގެ ހައިސިއްޔަތުން ދެއްވި ފުރަތަމަ ތަގުރީރުތަކުގެ ތެރޭގައި ބާންހަމް ވިދާޅުވީ، އޭނާގެ ބައްޕަ ފަދަ ބަލި މީހުން ބަލަހައްޓާ ކެއާ ވޯކަރުންގެ ހުނަރާއި، އަޅާލުމާއި، ފަންނީ މަސައްކަތް ފެނުމުން އުފާވާ ކަމަށާއި، އެ މީހުންނަށް ދޭ އުޖޫރަ މިހާރަށްވުރެ ބޮޑުކުރަން ޖެހޭ ކަމަށެވެ.
ބާންހަމްގެ އާއިލާ އަށް ތައުޒިޔާ ފޮނުއްވި ބޭފުޅުންގެ ތެރޭގައި ހައުސިން ސެކްރެޓަރީ އެންޖެލާ ރޭނާ ހިމެނެ އެވެ. އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ދަތި އަދި ހިތާމަވެރި ވަގުތުގައި އޭނާގެ ހަމްދަރުދީ ވަނީ އެންޑީ ބާންހަމް އާއި އޭނާގެ އާއިލާއާއެކު ކަމަށެވެ.
ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބޭޑެނޮކް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބާންހަމްގެ އާއިލާ އަށް ތައުޒިޔާ ފޮނުއްވަމުން ވިދާޅުވީ، އުމުރުން ކިތަންމެ ދުވަހެއްވީ ނަމަވެސް، ނުވަތަ ކިތަންމެ ތައްޔާރުވެގެން ހުއްޓަސް، ބައްޕަ ވަކިވެ ދިއުމަކީ އިންތިހާ އަށް ވޭންދެނިވި އިހުސާސެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް