ތިން މީހުންނާއެކު ފުލުހުނަށް ފިލަން ދުއްވި ސައިކަލެއް އެކްސިޑެންޓުވެ، ފަސް މީހަކަށް ފަރުވާ ދެނީ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ތެރެއިން.
ހުޅުމާލެ ފޭސް ދޭއްގައި ތިން މީހުންނާއެކު ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްަސިޑެންޓުގައި ފަސް މީހަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފި އެވެ.
އަންގާރަ ދުވަހުގެ ރޭ ދަންވަރު 02:55 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅު މަގުގައި ހިނގި މި އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ ފަސް މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ ތިން މީހުންނާއެކު ދުއްވި އެ ސައިކަލު ވަނީ، އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރިކޮށް ދުއްވާފައި ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން މީހުންނާ އެކު ދުއްވި އެ ސައިކަލު މަސައްކަތްކޮށްފައި ވަނީ ފުލުހުންނަށް ފިލާށެވެ. އެ ސައިކަލުގައި ތިބީ ދެ ފިރިހެނުންނާއި، އެއް އަންހެނެއް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެ ސައިކަލު އެކްސިޑެންޓު ވެފައި ވަނީ ފުލުހުންނަށް ފިލަން ވެގެން، ވަންވޭއާ ޚިލާފަށް ދުއްވަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް