ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާ އަށް ދާ މީހުންނަށް ރަށް ރަށުން ވެސް ހިލޭ ވެކްސިން ޖަހައިދެނީ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާ އަށް ފުރާ ބަޔަކު
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާ އަށް ދާ މީހުންނަށް، އަތޮޅު ތެރޭގެ ރަށް ރަށުން ވެސް ވެކްސިން ޖެހޭނެ އިންތިޒާމު އެ ކޯޕަރޭޝަން އިން ހަމަޖައްސައިފި އެވެ.
ޙައްޖު ކޯޕަރޭޝަން އިން ބުނެފައި ވަނީ، އެ ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާ އަށް ދާ ފަރާތްތަކަށް، އިތުރު އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން، އެ މީހަކާ އެންމެ ކައިރީ ޞިއްޙީ މަރުކަޒަކުން ވެކްސިން ޖެހޭނެ އިންތިޒާމު އެ ކޯޕަރޭޝަން އިން ހަމަޖައްސާފައިވެ އެވެ. މީގެ ކުރިން މި ޚިދުމަތް ލިބެނީ މާލެ ސިޓީ އިން އެކަނި އެވެ.
މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން، އަތޮޅު ތެރޭގެ ރަށް ރަށުން އަގަކާ ނުލައި ވެކްސިން ޖެހޭނެ ކަމަށް އެ ކޯޕަރޭޝަން އިން ބުނެފައިވެ އެވެ. އެ ކޯޕަރޭޝަން އިން ބުނީ ފަހެލި ޕޯޓަލް އިން ވެކްސިން ޖެހުމަށް އެދޭ ލިޔުން ނަގައިގެން، އެންމެ ކައިރީގައި ހުރި ޞިއްޙީ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަކަށް ދިޔުމުން އަގަކާ ނުލަައި ވެކްސިން ޖެހޭނެ ކަމަށެވެ. އަދި އެ ލިޔުން ބޭނުން ކޮށްގެން އިތުރު އަގަކާ ނުލައި އިންފުލުއެންޒާ ވެކްސިން ވެސް ސްޓޭޓް ފާމާގެ ބޭސް ފިހާރަތަކުން ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ޢުމްރާ އަށް ދާ ފަރާތްތަކަށް އިތުރު އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް