ފަލަސްތީނަށް އެހީވުމަށް މެކްލެމޯ ދިން 1 މިލިއަން ޑޮލަރާ އެއްވަރުގެ އެހީއެއް ދޭން މިސް ރޭޗަލް ނިންމައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
މެކްލެމޯ (ކ) އަދި މިސް ރޭޗަލް )ވ( ދެ ފަންނާނުން ވެސް ވަނީ ފަލަސްތީނަށް އެހީވުމަށް އެއް މިލިއަން ޑޮލަރު ހަދިޔާކުރަން ނިންމައިފަ -- ފޮޓޯ/ އޭއެފްޕީ
ކުޑަކުދިންގެ މަގުބޫލު ޔޫޓިއުބް ޝަހުސިއްޔަތު "މިސް ރޭޗަލް"، ފުރިހަމަ ނަމުން ނަމަރޭޗަލް އެކްރޫސޯ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި، އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ މެކްލެމޯ ހަދިޔާކުރި އެއް މިލިއަން އެމެރިކާ ޑޮލަރާ އެއްވަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.
މިސް ރޭޗަލް އިންސްޓަގްރާމްގައި ބުނީ، މި ހަމަލާތަކުގައި 20،000 އަށްވުރެ ގިނަ ފަލަސްތީނުގެ މައުސޫމު ކުޑަކުދިން ޝަހީދުވެފައިވާ ކަމަށާއި، މިއީ އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލާއިރު އެހީތެރިކަން ފޯރު ކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ. އަދި މުއްސަނދި އެހެން މަޝްހޫރު ތަރިންވެސް ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.
މެކްލެމޯ ޝޯއެއްގައި ފަލަސްތީނު މިނިވަން ކުރަން ގޮވާލައި ވާހަކަ ދެއްކުމާ ގުޅިގެން އެޑް ޝީރަންގެ ޓުއާ އިން ވަނީ ވަކި ކޮށްފައި އެވެ.
މިއާއެކު އެ ޓުއާ އިން އޭނާ އަށް ލިބުނު އާމްދަނީ ފަލަސްތީނަށް އެހީވާ ޖަމިއްޔާތަކަށް ހަދިޔާކުރަން މެކްލެމޯ ވަނީ ނިންމާފައި އެވެ. މެކްލެމޯ ވަނީ އިސްރާއީލް އިން ހިންގާ ގަތުލުއާންމާ ދެކޮޅަށް އަޑު އުފުލުމަކީ ވަކި ނަސްލަކާ ދެކޮޅުވުން ނޫން ކަމަށާއި، މިއީ އިންސާނީ ކަރާމާތާއި ހަމަހަމަކަމަށްޓަކައި ކުރާ ކަމެއް ކަމަށް ބުނެފައި އެވެ.
މިކަމާ ގުޅިގެން ރަސްމީކޮށް އެޑް ޝީރަން ވާހަކަ ދައްކާފައި ނުވެ އެވެ. ނަމަވެސް މެކްލެމޯ ޓުއާ އިން ބޭރުކުރަން ނިންމި ނިންމުމަކީ ޓުއާގައި ހިމެނޭ އެމެރިކާގެ ޖިލެޓް ސްޓޭޑިއަމްގެ ވެރިންނަށް ޓުއާ ޕްރޮމޯޓް ކުރާ ފަރާތްތަކުން ކުރަމުން ގެންދާ ޕްރެޝަރާ ގުޅިގެން ނިންމުމެއް ކަމަށް އޭނާ ބުނެފައިވެ އެވެ. އެޑް ޝީރަން އާއި ސްޓޭޑީއަމްގެ ވެރިޔެއް ކަމަށްވާ ރޮބާޓް ކްރާފްޓް ވަނީ ގުމްލަ ދެ މިލިއަން ޑޮލަރު ފަލަސްތީނަށް އެހީވުމަށް ނިންމާފައި ކަމަށް ވެސް ބުނެ އެވެ.
މެކްލެމޯއަށް ތާއީދުކޮށް، އެޑް ޝީރަންގެ ޓުއާގައި ބައިވެރިވާ ޔޫއެސްގެ މިއުޒީޝަން ފިނިއަސް އަދި ޑެންމާކްގެ ޕޮޕް ބޭންޑް ލޫކަސް ގްރޭހަމް ފަދަ އެހެން ބައެއް މަޝްހޫރު ފަރާތްތަކުން ވެސް ވަނީ އެ ޓުއާ ދޫކޮށްލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް