ކުޅިވަރު •

އޭޝިއަން ގޭމްސް 2026: 10 މީޓަރު އެއާ ޕިސްޓަލް މިކްސްޑް ކެޓަގަރީން ގައުމީ ރެކޯޑެއް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އޭޝިއަން ގޭމްސް 2026: 10 މީޓަރު އެއާ ޕިސްޓަލް މިކްސްޑް ކެޓަގަރީން ގައުމީ ރެކޯޑެއް

10 މީޓަރު އެއާ ޕިސްޓަލް މިކްސްޑް ޓީމް އިވެންޓްގައި -- ފޮޓޯ/ އައްފާން

އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ދިވެހިރާއްޖޭގެ ޝޫޓިން ޓީމުން 10 މީޓަރު އެއާ ޕިސްޓަލް މިކްސްޑް ޓީމް ކެޓަގަރީން ގައުމީ ރެކޯޑް އާކޮށްފި އެވެ.

ނަގޯޔާގެ ޖެނެރަލް ޝޫޓިންގ ގެލެރީގައި އިއްޔެ ކުރިއަށް ދިޔަ 10 މީޓަރު އެއާ ޕިސްޓަލްގެ މިކްސްޑް ޓީމު އިވެންޓްގައި ދިވެހި ޝޫޓިން ޓީމުން ވާދަކުރީ، ސިންގަލްސް ރިލޭގައި އެންމެ މަތިން ޕޮއިންޓު ހޯދި ޒިޔާން ޒިޔާއު އާއި އަންހެނުންގެ 10 މީޓަރު އެއާ ޕިސްޓަލް އިން މި ގޭމްސްގައި ގައުމީ ރެކޯޑު އާކުރި މަރިޔަމް އީޝަލް މިސްބާހެވެ.

ޒިޔާން އާއި އީޝަލް މި ރެކޯޑު އާކުރީ 557 ޕޮއިންޓް ހޯދައިގެންނެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ ޒިއާން އާއި ރިއުޝާ މުހައްމަދު އަތުގަ އެވެ. ޒިއާން އާއި ރިއުޝާ މި ރެކޯޑް ހެދީ 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 548 ޕޮއިންޓް ހޯދައިގެންނެވެ.

އިއްޔެގެ މި އިވެންޓާ އެކު އޭޝިއަން ގޭމްސްގައި ދިވެހި ޝޫޓިން ޓީމުން ވާދަކުރާ އިވެންޓުތައް ވަނީ ނިމިފަ އެވެ. ޝޫޓިން ޓީމު ވަނީ ގޭމްސްގައި ޖުމްލަ ފަސް ރެކޯޑެއް އާކޮށްފަ އެވެ.

އެއީ 10 މީޓަރު އެއާ ޕިސްޓަލް މިސްޑް ރެކޯޑްގެ އިތުރުން، މަރިޔަމް އީޝަލް މިސްބާހު މުގުރާލި އަންހެނުންގެ 10 މީޓަރު އެއަރ ޕިސްޓަލް ރެކޯޑާއި، އައިޝަތު އީޝާ ޝަހީދު އާކުރި އަންހެނުންގެ 10 މީޓަރު އެއާ ރައިފަލް ރެކޯޑާއި، އަހުމަދު މާއިދު މުހައްމަދު މުގުރާލި ފިރިހެނުންގެ 10 މީޓަރު އެއާ ރައިފަލް ރެކޯޑް އަދި މާއިދާއި އީޝާ މުގުރާލި 10 މީޓަރު އެއާ ރައިފަލްގެ މިކްސްޑް ޓީމު ރެކޯޑެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް