ކުޅިވަރު •

ޗައިނާ އަތުން ބަލިވިޔަސް ރާއްޖޭގެ ފަރާތުން ތައުރީފް ހައްގު ކުޅުމެއް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ޗައިނާ އަތުން ބަލިވިޔަސް ރާއްޖޭގެ ފަރާތުން ތައުރީފް ހައްގު ކުޅުމެއް

ދެވަނަ ހާފުގައި ޗައިނާގެ ވާން ޒިމިންގް ކާމިޔާބު ކުރި ހެޓްރިކާ އެކު އެ ޓީމުން 3-0 އިން ދިވެހިރާއްޖެ ބަލި ކޮށްފި އެވެ.

ޗައިނާގެ ޗޮންގްކިންގްގައި، 27،000 ސަޕޯޓަރުންގެ ކުރިމަތީގައި މިއަދު ކުޅުނު އެކުވެރިކަމުގެ މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ވަނީ ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކައި، ޗައިނާ ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައިފައެވެ. ފުރަތަމަ ހާފުގައި ޗައިނާއިން ފޮނުވާލި ނުވަ ހަމަލާގެ ތެރެއިން ގޯލާ އަމާޒު ކޮށްލެވުނީ ދެ ހަމަލާ އެވެ.

ނަމަވެސް، ދެވަނަ ހާފު ފަށައިގެން ޗައިނާއިން ޓީމަށް ނުވަ ބަދަލެއް ގެނެސް ކުޅުން ވަރުގަދަކުރި އެވެ. އެއާއެކު ހާފުގެ ފުރަތަމަ 15 މިނިޓު ތެރޭ ވަނީ ތިން ގޯލލު ޖަހައި ނަތީޖާ ބަދަލު ކޮށްލައިފަ އެވެ. ޒިމިންގް ލަނޑުތައް ކާމިޔާބުކުރީ މެޗުގެ 50، 56 އަދި 60 ވަނަ މިނެޓުގަ އެވެ.

މި މެޗުގައި ޗައިނާގެ ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ސީނިއާ ޓީމުން ފުރުސަތު ދީފައިވާއިރު، މަތީ ސާނަވީ ތައުލީމް ހާސިލް ކުރަމުން އަންނަ ޒާއޯ ސޮންގްޔުއާން ވަނީ ޗައިނާގެ ގައުމީ ފިރިހެން ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު ހޯދައިފަ އެވެ. ޗައިނާގެ ކޯޗު ތައްޔާރުވަމުން އަންނަނީ އަންނަ އަހަރު ސައުދީ އަރަބިއާގައި އޮންނަ އޭއެފްސީ އޭޝިއަން ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ ހަތަރު މެޗުގައި އާ ކުޅުންތެރިންނަށް ފުރުސަތުދީ ޓީމު އެކުލަވާލުމަށެވެ.

ޗައިނާ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ރާއްޖޭން އެޓޭކިން ކުޅުމެއް ނުދެއްކުނު ކަމުގައި ވިޔަސް ޓީމު ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ ނުރައްކާތެރި ހަތް ހަމަލާއެއް ދިފާއު ކޮށްފަ އެވެ. މީގެއިތުރުން ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އާއި ހަސަން އީނާޒްގެ ޑިފެންސިވް ކުޅުން ފާހަގަކޮށްލެވެ އެވެ.

ރާއްޖެ ތައްޔާރުވަމުން އަންނަނީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށެވެ.

މި އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖޭން އެކުވެރިކަމުގެ އިތުރު ދެ މެޗެއް ކުޅޭނެއެވެ. އެގޮތުން ކިރްގިސްތާންގެ ބިޝްކެކްގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 28 ގައި ކިރްގިސްތާނާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި އޮކްޓޯބަރު 1 ވަނަ ދުވަހު ނުކުންނާނީ ލުބުނާނާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް