ޚަބަރު

ވަރުބަލިކަމެއްނެތި މަސައްކަތް ކުރާނީ ދެންވެސް ޕީއެންސީގެ ވެރިކަމެއް ގަނައުމަށް: ސައީދު

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ވަރުބަލިކަމެއްނެތި މަސައްކަތް ކުރާނީ ދެންވެސް ޕީއެންސީގެ ވެރިކަމެއް ގަނައުމަށް: ސައީދު

އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ---

ވަރުބަލިކަމެއް ނެތި މަސައްކަތް ކުރާނީ ދެންވެސް ޕީއެންސީގެ ވެރިކަމެއް ގަނައުމަށްކަމަށް އިކޮނަމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ވެރިކަންކުރާ ޕީއެންސީގެ މަތީ މަޖިލީހުގައި އެ ޕާޓީއަށް ނައިބު ރައީސުން އިންތިހާބުކުރުމަށް ނެގި ވޯޓު ކާމިޔާބުކޮށް ނައިބު ރައީސެއްގެ ގޮތުގައި ހޮވިވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ދެވަނަ ދައުރަކަށް ހޮވއިދިނީތީ ޕާޓީގެ އާންމު މެންބަރުން ކުރެއްވި އިތުބާރަށް ޝުކުރުއަދާކުރާކަމަށެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި އިތުރު ހިތްވަރާއި ޖޯޝާއި އަޒުމާއެކު މަސައްކަތްކުރާނީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ވެސް ޕީއެންސީއަށް ކާމިޔާބުކޮށްދިނުމަށްކަމަށެވެ.

ސައީދު ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިހާބުވީ އިންތިހާބުކުރާ 6 މެންބަރުންގެ ތެރެއިން ފަސްވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. ސައީދުއަށް ލިބިވަޑައގަތީ 833 ވޯޓެވެ.

ޕީއެންސީގެ މަތީ މަޖިލީހުގައި ނައިބު ރައީސުން އިންތިހާބުކުރަން ނެގި ވޯޓުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއަށެވެ. ރާފިއުއަށް ވަނީ 968 ވޯޓު ލިބިފައެވެ. ދެ ވަނަ އަށް އިންތިޚާބުވެ ވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަށް 964 ވޯޓު ލިބިވަޑައިގެންނެވިއިރު، ތިން ވަނަ އަށް އިންތިޚާބުވެ ވަޑައިގެންނެވި ނިލަންދޫ ދައިރާގެ މެންބަރު ފާތިމަތު ސައުދާ އަށް ލިބިވަޑައިގެންނެވީ 923 ވޯޓެވެ.

ހަތަރު ވަނަ އަށް 862 ވޯޓާ އެކު އިންތިހާބުވެ ވަޑައިގަތީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. ފަސްވަނަ ސައިދުއަށް ލިބުނުއިރު ހަވަނަ 780 ވޯޓާއެކު ލިބިވަޑައިގަތީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފްއަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް