ޚަބަރު

އިމާމުންގެ ރަސްމީ ހެދެމުގެ ފަރުމާ، ފެނިގެންދިޔައީ އިމާމުންގެ ހައިބަތާއި ދިވެހި ވަންތަކަން

އަލީ އީމާން

ލިޔުންތެރިޔާ

އިމާމުންގެ ރަސްމީ ހެދެމުގެ ފަރުމާ، ފެނިގެންދިޔައީ އިމާމުންގެ ހައިބަތާއި ދިވެހި ވަންތަކަން

އިމާމުންނާއި ހަތީބުން ބޭނުންކުރުމަށް ހަމަޖެހިފައިވާ ހެދުމުގެ ފުރަތަމް ކޮންސެޕްޓް

ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރާ އިމާމުން އަދި ހުތުބާކިޔާ އިމާމުންނާއި ހަތީބުން ބޭނުންކުރުމަށް ހަމަޖެހިފައިވާ ހެދުމުގެ ފުރަތަމް ކޮންސެޕްޓް އިސްލާމިކް މިނިސްޓްރީއިން އާންމުންނަށް ދައްކާލައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާ މެދުވެރިކޮށް މި ކޮންސެޕްޓް އާންމުންނަށް ދައްކަވަމުން ވިދާޅުވީ މި ފުރަތަމަ ކޮންސެޕްޓްގައި ދިވެހިވަންތަކަމާއި ސަގާފީ ތަރިކަ ވަރަށް ބޮޑަށް ހިމަނާފައިވާނެ ކަމަށެވެ. އަދި މިކަމުގެ މައިގަނޑު މަގްސަދަކީ ދީނީ އިލްމުވެރިންނަށް ހާއްސަ ގައުމީ އައިޑެންޓިޓީއެއްް ގާއިމުކޮށް ބޭރުގެ ސަގާފީ ނުފޫޒުތަކުން ރާއްޖޭގެ ދީނީ އާދަކާދަތައް ހިމާޔަތްކުރުންކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މި ޑިޒައިންތައް ފަރުމާކޮށްފައިވަނީ ދިވެހި ތާރީހުގެ މުހިންމު ބައިތައް ކަަމަށްވާ މާލެ ހުކުރު މިސްކިތުގެ މުންނާރު، ތާރީހީ ހިރިގަނލު ވާޑާމުގެ މަސައްކަތާއި ސަގާފީ ދިވެހި ތުނޑުކުނާގެ މަސައްކަތުން ފެނިގެންދާ ޑިޒައިންތަކައް ބަލައިގެންނެވެ.

މި މަޝްރޫއު މިވަގުތު އޮތީ ފުރަތަމަ މަރުހަލާގައި ކަަމަށް ފާހަގަކޮށް މިނިސްޓަރު ޝަހީމް ވިދާޅުވީ އާންމުކޮށްފައިވާ ފޮޓޯތަކުން ފެނިގެންދަނީ ފައިނަލް ޑިޒައިންތަކާއި ކުލަތައް ނޫންކަމަށާއި މި ޑިޒައިންތަަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލުތައް ގެނެވިގެންދާނެ ކަމަށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މިނިސްޓްރީގެ އަމާޒަކީ އާންމުގެ ހިޔާލުތައް ހޯދައި، ޑިޒައިން އިތުރަށް ފުރިހަމަކުރުމަށްފަހު، ކުރިއަށް އޮތް ރަމަޟާންމަހުގެ ކުރިން މި ރަސްމީ ހެދުން ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ބޭނުންކުރަން ފެށުމެވެ.

ރާއްޖޭގައި މިހާތަނަށް އިމާމުވެ ނަމާދުކުރާ ފަރާތްތްކަށް ހާއްސަ ހެދުމެއް ފަރުމާ ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް