ކުޅިވަރު

މާޒިޔާގެ އެސިސްޓެންޓް ކޯޗަށް ހަރުކަށި ފިޔަވަޅު އަޅައިދޭން ނިއު އިން އެފްއޭއެމްގައި އެދިއްޖެ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

މާޒިޔާގެ އެސިސްޓެންޓް ކޯޗަށް ހަރުކަށި ފިޔަވަޅު އަޅައިދޭން ނިއު އިން އެފްއޭއެމްގައި އެދިއްޖެ

ސުޒެއިރު، ޕްރިމިއާ ލީގުގެ ޕްރެސް އެއްގައި -- ފޮޓޯ/ އެފްއޭއެމް

މާޒިޔާ އަދި ނިއު ރޭޑިއަންޓްރޭ ބައްދަލުކުރި ދިރާގު ދިވެހި ޕްރިމިއާ ލީގު މެޗުގައި ހިނގި ހަމަނުޖެހުމުގައި، މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ)، ނިއުގެ އެސިސްޓަންޓް ކޯޗު ލޫސިއާނޯ ސިކޭރާ ބާބޯސާގެ މޫނުމަތީގައި ޖެހި މައްސަލައިގައި އޭނާއަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމަށް ނިއު ރޭޑިއަންޓުން އެފްއޭއެމްގައި އެދިއްޖެ އެވެ.

މި ހަމަނުޖެހުން ހިނގަން މެދުވެރިވީ މެޗުގެ 68 ވަނަ މިނެޓުގައި މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހީމަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ކަށިގަނޑު ފުމުނު ފަހުން، ނިއުގެ އަބްދުﷲ ބިލިޓީ ފޮނުވާލި ބޯޅައެއް ލޫތުގެ ގައިގައި ޖެހުނު ހިސާބުންނެވެ. އެއާއެކު ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގި އިރު، ސުޒެއިރު، ލޫސިއާނޯގެ މޫނުމަތީގައި ޖަހާ މަންޒަރު ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ.

މި މައްސަލައިގައި މެޗު 10 ވަރަކަށް މިނިޓަށް ރެފްރީ މެދުކަނޑާލި އިރު، އަލުން ފެށީ ސުޒެއިރާއި މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) އަދި ނިއުގެ މައިސާން އިބްރާހީމް (މައި) އަށް ރަތް ކާޑު ދައްކައިފަ އެވެ.

Uploaded image

މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނިއުއިން ނެރުނު ބަޔާނެއްގައި ބުނީ، ފުޓުބޯޅައިގައި "ފިޒިކަލް އެގްރެޝަން" އަށް އެއްވެސް ޖާގައެއް އޮވެގެން ނުވާނެ ކަމަށާއި، ދަނޑުމަތީގައި ކުޅުންތެރިންނާއި އޮފިޝަލުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި ސުޒެއިރަށް ހަރުކަށި ފިޔަވަޅު އަޅައިދޭންޖެހޭ ކަމަށެވެ.

މީގެ ކުރިން މި އަހަރު ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި ގައުމީ ޓީމު ކުޅުނު މެޗެއްގައި ހިނގި ހަމަނުޖެހުމެއްގައި ވެސް ސުޒެއިރު ބައިވެރި ވެފައިވެ އެވެ. ނަމަވެސް އެފަހަރު ފީފާ އާއި އެފްއޭއެމް އިން ވެސް އޭނާއަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެކަމަކު ބަންގްލަދޭޝްގެ ދެ ކުޅުންތެރިއަކަށް ފީފާއިން އަދަބު ދީފައި ވެއެވެ.

މީގެ އިތުރުން 20017 ވަނަ އަހަރު މާލޭ ލީގުގައި މާޒިޔާ އާއި އީގަލްސް ކުޅުނު މެޗެއްގައި ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން މާޒިޔާގެ ތިން އޮފިޝަލަކަށް އެފްއޭއެމުން ފިޔަވަޅު އެޅި އިރު އޭގެ ތެރޭގައި ސުޒެއިރު ވެސް ހިމެނެ އެވެ. އެ މެޗުގައި ރެފްރީންނަށް އިންޒާރުދީ ރެފްރީންގެ ރޫމު ކައިރީ ވެސް ހަމަނުޖެހުންތަކެއް ހިންގުމާ ގުޅިގެން އޭނާ އެ ފަހަރު ވަނީ ހަ މެޗަށް ސަސްޕެންޑް ކޮށް 12،000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

ސުޒެއިރަކީ މާޒިޔާގެ ކޯޗިން ޓީމުގައި މުހިއްމު ނަމެކެވެ. މާޒިޔާއިން އެ ޓީމުގެ ހެޑް ކޯޗު ސީޒަންގެ ފަހުކޮޅު ވަކި ވެއްޖެ ނަމަ ސީޒަންގެ ބާކީ ބައި ފުރިހަމަ ކުރަނީ އޭނާ އަށް ހެޑް ކޯޗުކަމުގެ ޒިންމާ ހަވާލު ކޮށްގެންނެވެ.

ނިއު އާއި މާޒިޔާގެ ފަރާތުން ރޭ ގަލޮޅު ދަނޑުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗު 2-3 އިން ކާމިޔާބުކުރީ ނިއު ރޭޑިއަންޓެވެ. މެޗުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި، 101 ވަނަ މިނިޓުގައި ނިއު މޮޅުވި ލަނޑު ޖަހައިދިނީ ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން (ޑޯރީ) އެވެ. މިއީ ފުރަތަމަ ޑިވިޝަނަށް އެނބުރި އައިފަހުން މާޒިޔާ އަތުން ނިއު ރޭޑިއަންޓް ލީގުގައި މޮޅުވި ފުރަތަމަ މެޗެވެ. އަދި މިއާ އެކު މާޒިޔާ ވަނީ 46 މެޗަށް ފަހު ލީގުގައި ބަލި ވެފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް