ޚަބަރު

އޭޑީބީ އާއެކު 50 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ރާއްޖެ އިން ސޮއި ކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އޭޑީބީ އާއެކު 50 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ރާއްޖެ އިން ސޮއި ކޮށްފި

ދިވެހިރާއްޖެ އާއި އޭޑީބީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރާ ދެމެދު ލޯނު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

މިއީ އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެެންސް ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށްޓަކައި، އޭޑީބީ އާއި ރާއްޖެއާ ދެމެދު ސޮއި ކުރެވުނު 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި އޭޑީބީގެ ފަރާތުން ސޮއި ކުރެއްވީ، އެ ބޭންކުގެ ރީޖަނަލް ހެޑް އޮފް ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓު ޑޮކްޓަރު ތިއަމް ހީ އަންގް އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ފިނޭންސް މިނިސްޓަރު ޙަސަން ޒަަރީރު އެވެ. އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް އެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އިން ބުނެފައި ވަނީ، މި އެއްބަސްވުމުގެ މައިގަނޑު މަޤުސަދަކީ މިހާރު ކުރިއަށްދާ މެދު އިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމާއި، ދިވެހި ސަރުކާރުން ތެލަށް ކުރަން ޖެހޭ ޚަރަދު ބޮޑުވެފައިވާ ވަގުތެއްގައި ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯދުން ކަމަށެވެ. މިއީ މަލްޓިލެޓަރަލް ބޭންކު ތަކުން ކޮންސެޝަނަލް ފައިނޭންސިން ހޯދުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ތަކުގެ ތެރެއިން ހަަމަޖެހިފައިވާ މާލީ އެހީތެރިކަމެކެވެ.

މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދާއި، ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުން ތަކެއް އަރަމުން އަންނައިރު، ސަރުކާރުން އަންނަނީ މި ޙާލަތުގައި ވެސް ރާއްޖެ އަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ޚާއްސަ ސަމާލު ކަމެއް ދެމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް