ކުލަގަދަ ރަސްމިއްޔާތަކާއެކު 20 ވަނަ އޭޝިއަން ގޭމްސް ފަށައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އޭޝިއަން ގޭމްސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ/ އެމްއޯސީ
އޭޝިއާ ސަރަޙައްދުގެ އެންމެ ބޮޑު ކުޅިވަރު ޢީދު ކަމަށްވާ 20 ވަނަ އޭޝިއަން ގޭމްސް ކުލަގަދަ ރަސްމިއްޔާތަކާއެކު ރަސްމީކޮށް ފަށައިފި އެވެ.
މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން އައިޗީ-ނަގޯޔާގެ މިޒުހޯ ޕާކް އެތުލެޓިކްސްސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ގައުމީ ދިދަ އުފުލީ ޓޭބަލް ޓެނިސް ތަރި މޫސާ މުންސިފް އަހްމަދާއި ޝޫޓިންގައި ރާއްޖެއަށް ބައިނަލްއަގުވާމީ ރިހި މެޑައްޔެއް ހޯދައިދީފައިވާ ތަރި މަރިޔަމް އީޝަލް މިސްބާހެވެ. ދިވެހި ޓީމުން ރަސްމިއްޔާތުގައި ބައިވެރިވީ ދިވެހި ސަގާފީ ހެދުމުގަ އެވެ.
ފެށުމުގެ ރަސްމިއްޔާތުގައި ޖަޕާނުގެ ސަގާފަތާއި ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ ހިތްގައިމު ހުށަހެޅުންތަކާއި، ބަޑިބޭހުގެ ކުޅިވަރުތައް ވަނީ ދައްކާލާފަ އެވެ.

ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ގޭމްސް ފައްޓަވައިދެއްވީ ޖަޕާނުގެ އެމްޕެރާ ނަރުހީޓޯ އެވެ. މީގެއިތުރުން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ޝެއިޚް ޖޮއާން ބިން ޙަމަދު އަލްޘާނީ އާއި އައިއޯސީ ރައީސް ކިރްސްޓީ ކޮވެންޓްރީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެއިން ހަތް ކުޅިވަރަކުން ވާދަކުރެއެވެ. އެއީ އެތުލެޓިކްސް، ޓޭބަލް ޓެނިސް، ޝޫޓިން، ބެޑްމިންޓަން، ސްވިމިން، ބީޗް ވޮލީ އަދި ސާފިން އެވެ.
ގޭމްސްގައި ދިވެހި ޓީމުގެ އިވެންޓްތައް މާދަމާ ފަށާނީ ޝޫޓިން، ޓީޓީ، ސްވިމިން އަދި ބީޗް ވޮލީ ބޯޅައިންނެވެ. ދިވެހި ޓީމުން ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން ސްވިމިން ނޫން ހުރިހާ ކުޅިވަރެއް އޮތީ ނަގޯޔާގަ އެވެ. ސްވިމިން އިވެންޓްތައް އޮތީ ޓޯކިޔޯގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް