ކުޅިވަރު

ނިއު ރޭޑިއަންޓް 101 ވަނަ މިނިޓުގައި މޮޅުވެ، މާޒިޔާ 46 މެޗަށް ފަހު ލީގުގައި ބަލި ވެއްޖެ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ނިއު ރޭޑިއަންޓް 101 ވަނަ މިނިޓުގައި މޮޅުވެ، މާޒިޔާ 46 މެޗަށް ފަހު ލީގުގައި ބަލި ވެއްޖެ

ޑޮރިއެލްޓަން ނިއު މޮޅުކޮށްދިން ގޯލު ޖެހުމަށް ފަހު. -- ފޮޓޯ/ އަދަދު ސްޕޯޓްސް

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި، 101 ވަނަ މިނިޓުގައި ޑޮރިއެލްޓަން ޖެހި ގޯލާ އެކު ނިއު ރޭޑިއަންޓުން މާޒިޔާ ބަލި ކޮށްފި އެވެ.

މިއީ ނިއު ރޭޑީއަންޓް ލީގުން ސަސްޕެންޑް ކުރި ފަހުން ޕްރިިއާ ލީގުގައި މާޒިޔާ ބަލި ކުރި ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަންގައި އެނބުރި އައިސް ނިއު ވަނީ އެއް މެޗު މާޒިޔާއާ އެއްވަރުކޮށް އަނެއް މެޗުން ބަލި ވެފަ އެވެ. ނިއު އެންމެ ފަހުން މާޒިޔާ ލީގުގައި ބަލި ކޮށްފައި ވަނީ 2018 ވަނަ އަހަރެވެ. އެ އަހަރުގެ ޗެމްޕިއަން ނިއު ވަނީ ލީގުގައި މާޒިޔާއާ ކުޅުނު ދެ މެޗުން ވެސް މޮޅު ވެފަ އެވެ.

މާޒިޔާ އެންމެ ފަހުން ލީގުގައި ބަލި ވީ 2022 ވަނަ އަހަރުގެ ލީގުގައި އީގަލްސް އަތުން 1-0 އިންނެވެ. އެ މެޗަށް ފަހު އެ ޓީމު ވަނީ ބަލި ނުވެ 46 މެޗު ހަމަ ކޮށްފަ އެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރު ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ލީގުން ވަކިވުމާ ގުޅިގެން އެޓީމަށް އޮޓަމެޓިކުން ލިބުނު ޖުމްލަ ހަތަރު މެޗު ވެސް ހިމެނެ އެވެ. އީގަލްސް އަތުން 7 އޭޕްރީލް 2022 ގައި ބަލިވި ފަހުން މާޒިޔާ ވަނީ ލީގުގައި 41 މެޗު ކާމިޔާބުކޮށް ހަތަރު މެޗު އެއްވަރު ކޮށްފަ އެވެ.

Uploaded image

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ނިއު އަށް ފުރުސަތުތަކުގެ ބޭނުން ނުހިފި އުޅެނިކޮށް މާޒިޔާ ލީޑު ނެގީ އިބްރާހިމް އައިސަމްގެ ގޯލަކުންނެވެ. ނިއު ވަނީ ފުރަތަމަ ހާފުގެ 40 ވަނަ މިނިޓުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ގެ ގޯލަކުން ނަތީޖާ އެއްވަރު ކޮށްފަ އެވެ. ދެވަނަ ހާފު ފެށިގެން މެޗުގެ 62 ވަނަ މިނިޓުގައި މާޒިޔާއަށް އަލުން ލީޑު ހޯދައިދިނީ ވެސް އައިސަމް އެވެ. ނަމަވެސް ނިއު ވަނީ 65 ވަނަ މިނިޓުގައި އަލީ ފާސިރު (ސެންޓޭ) ގެ ގޯލަކުން މެޗުގައި ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކޮށްފަ އެވެ.

އެއަށް ފަހު މެޗުގައި މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު އާއި އެ ޓީމުގެ ހަސަން ޝިފާޒް (ޑުންގާ) އާއި ނިއުގެ ޑިފެންޑަރު އިބްރާހިމް މައިސާން (މައި) އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

އިތުރު ވަގުތުގެ ގޮތުގައި 10 މިނިޓު ދެއްކި އިރު ނިއު އިން މޮޅުވީ 100 މިނިޓް 44 ސިކުންތުގައި މުހައްމަދު ޔަޒްދާން ހުސެއިން ތިރިތިރިން ހުރަސްކޮށްލި ބޯޅަ ޑޮރިއެލްޓަން ގޯލަށް ފޮނުވާލުމާ އެކު އެވެ.

މިއަދު ހަވީރު އޮޑި ސްޕޯޓްސް ވަނީ 4-1 އިން ބުރު ސްޕޯޓްސް ބަލި ކޮށްފަ އެވެ.

ލީގުގައި ދެން ކުޅޭނީ އަންނަ އާދިއްތަ ދުވަހު އެވެ. އެ ދުވަހު ހަވީރު ގައްދޫގައި އީގަލްސް އާއި ގައްދޫ އާރުސީ ބައްދަލުކުރާއިރު ގައުމީ ފުޓްބޯޅަ ދަނޑުގައި ބިސް ބުރު ސްޕޯޓްސް އާއި ދިއްދޫ ސްޕޯޓްސް ބައްދަލުކުރާނެ އެވެ. އެއަށް ފަހު އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދުކަނޑާލައި އަލުން ފަށާނީ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް