ޚަބަރު

ޑޮލަރުގެ މައްސަލައިގައި މިނިސްޓަރު ސައީދު އަދަދު ތަކުން، ރައީސް ނަޝީދު އަށް ރައްދު ދެއްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޑޮލަރުގެ މައްސަލައިގައި މިނިސްޓަރު ސައީދު އަދަދު ތަކުން، ރައީސް ނަޝީދު އަށް ރައްދު ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަކަށް ހާޒިރުވެ މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.

ޑޮލަރުގެ މައްސަލައިގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަ ތަކަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އަދަދު ތަކުން ރައްދު ދެއްވައިފި އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓުގައި މުއާމަލާތް ކުރާ މިންވަރު މިހާރު އެތައް ގުނައަކުން އިތުރުވެފައިވާ ކަމަށެވެ.

އަދަދު ތަކުން ތަފްސީލު ހިއްސާ ކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މީގެ ފަސް އަހަރު ކުރިން، 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އާންމު ގޮތެއްގައި ބޭންކު ކާޑު ތަކުން ނަގާފައި ވަނީ 10 މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް، މިހާރު އެ އަދަދު ހުރީ 39 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ހަމަ އެހެންމެ، ރާއްޖެ އަށް މުދާ އެތެރެ ކުރާ ފަރާތްތަކަށް ޓީޓީ ހެއްދުމަށް 2021 ވަނަ އަހަރު ދޫކޮށްފައި ވަނީ 6.7 މިލިއަން އެމެރިކާ ޑޮލަރު ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އެހެން ނަމަވެސް، މިހާރު ޓީޓީ ހެއްދުމަށް މަހެއްގެ މައްޗަށް މިހާރު 26.6 މިލިއަން އެމެރިކާ ޑޮލަރު ދޫކުރަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ،

އެ ވީޑިއޯގައި އިތުރު ތަފްސީލުތައް ހިއްސާ ކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މީގެ ކުރިން މުދާ އެތެރެކުރާ ފަރާތް ތަކަށް އެންމެ ފަސް އިންސައްތައިގައި މާލީ އެހީ ދެމުން ދިޔައިރު، މިހާރު އެ އަދަދު ވަނީ 30 އިންސައްތަ އާއި، 40 އިންސައްތައާ ދެމެދަށް އިތުރުވެފައި ކަމަށެވެ.

އިތުރު ދާއިރާ ތަކުގެ ތަފްސީލުތައް ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ މަތީ ތައުލީމުގެ ދާއިރާގައި 2021 ވަނަ އަހަރު 1.9 މިލިއަން އެމެެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް، މިހާރު އެ އަދަދު ވެސް ދެގުނަ ކޮށްފައިވާ ކަމަށާއި، މިހާރު މަހެއްގެ މައްޗަށް 3.6 މިލިއަން އެމެރިކާ ޑޮލަރު ދޫކުރާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ބޭސްފަރުވާގެ ދާއިރާ އަށް ބަލާއިރު މިހާރު މަހެއްގެ މައްޗަށް ގާތް ގަނޑަކަށް ތިން މިލިއަން ޑޮލަރު ދޫކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މީގެ ކުރިން 2021 ވަނަ އަހަރު ބޭސްފަރުވާގެ ކަންކަމަށް ދޫކޮށްފައި ވަނީ 159،000 އެމެރިކާާ ޑޮލަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖެ އިން ބޭރަށްދާ ފަރާތް ތަކަށް ވެސް މިހާރު 10 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް