ކުޅިވަރު •

އޭޝިއަން ގޭމްސް 2026: ޔަސީން އަށް ހީޓްގެ ދެވަނަ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އޭޝިއަން ގޭމްސް 2026: ޔަސީން އަށް ހީޓްގެ ދެވަނަ

ޔަސީން -- ފޮޓޯ/ އެމްއޯސީ: ނައުޝަމް

އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ދިވެހި ސާފިންގް ޓީމުންގެ ޒުވާން ރާޅާއެޅުންތެރިޔާ ޔަސީން އަހުމަދު ނާޝިދު ވާދަކުރި ހީޓުގެ ދެވަނަ ހޯދައިފިއެވެ.

އައިޗީ ޓަހާރާ ލޯންގް ބީޗްގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ސާފިންގް އިވެންޓްތަކުގައި ދިވެހި ޓީމުގެ ހުރިހާ ބައިވެރިންވެސް އިއްޔެ ވަނީ ރާޅާއަޅައިފަ އެވެ. އެގޮތުން ފިރިހެނުންގެ ޝޯޓްބޯޑް ފުރަތަމަ ބުރުގެ ހީޓް 1 ގައި ވާދަކޮށް އުމުރުން 16 އަހަރުގެ ރާޅާއެޅުންތެރިޔާ ޔަސީން އަހުމަދު ނާޝިދު ވަނީ 8.50 ޕޮއިންޓް ޓާއެކު ހީޓުގެ 2 ވަނަ ހޯދާފައެވެ. މި ހީޓުގައި ދެން ވާދަކުރީ ޗައިނާގެ ރާޅާއެޅުންތެރިއަކާއި ތައިލޭންޑުގެ ރާޅާއެޅުންތެރިއެކެވެ. އެއްވަނަ ހޯދި ޗައިނާގެ ވޫ ޝިޑޯންގް ވަނީ 9.93 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.

ޔަސީން އަކީ ފާހަގަ ކޮށްލެވޭވަރުގެ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ އެތުލީޓެކެވެ. އޭނާ ވަނީ ދިވެހި ސާފް ލީގުގައި އެންމެ ފަހުން އޮތް އޯޕަން ޑިވިޝަންގެ ހަތަރު މުބާރާތުން ވެސް އެއްވަނަ ހޯދައިފަ އެވެ.

މި ރައުންޑްގެ ހީޓު 6 ގައި ދިވެހި ޓީމުގެ ކަޔާން އަބްދުﷲ އަރީފް ވަނީ 5.43 ޕޮއިންޓް ހޯދާފައެވެ. މިހީޓުގައި ކަޔާންއާ ވާދަކުރި، ޖަޕާނުގެ ދެ ރާޅާއެޅުންތެރިންނަކީ މުޅި މި ގޭމްސްގައި ވެސް ވާދަކުރާ އެންމެ މޮޅު ދެ ރާޅާއެޅުންތެރިންނެވެ. ކޮނޯ ކަރަސާވާ 13.90 ޕޮއިންޓް ސްކޯ ކުރި އިރު ކަނޯއާ އިގަރާޝީ ވަނީ 11.77 ޕޮއިންޓް ހޯދައިފަ އެވެ. މިއީ ވޯލްޑް ސާފިންގް ލީގްގެ ޗެމްޕިއަންސް ޓުއާގައި ވާދަކުރާ ދެ ރާޅާއެޅުންތެރިންނެވެ.

އަންހެނުންގެ ޝޯޓްބޯޑް ފުރަތަމަ ބުރުގެ ހީޓް 4 ގައި ވާދަކޮށް އައިމިނަތު ތާނީސް ޝިރަން 1.43 ޕޮއިންޓް ހޯދާފައި ވާއިރު، މި ބުރުގެ ހީޓު 6 ގައި ވާދަކޮށް މަރިޔަމް ރާހިލް ނަސީމް (އާޔާ) ވަނީ 1.33 ޕޮއިންޓް ހޯދައިފަ އެވެ.

އޭޝިއަން ގޭމްސްގެ ސާފިންގް އިވެންޓްތަކުގެ ތެރެއިން ޝޯޓްބޯޑްގެ ދެވަނަ ބުރުގައި ދިވެހި ހަތަރު އެތުލީޓުން ވެސް ވާދަ ކުރާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް