ސްޓެލްކޯ އިން ހުޅުދޫ އާއި މީދޫގެ ޖަނަރޭޓަރު ސެޓު މަރާމާތުކޮށްފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ސްޓެލްކޯ އިން މަރާމާތުކޮށް، މައްސަލަ ޙައްލުކޮށްފައިވާ ޖަނަރޭޓަރު ސެޓެއް.
ސްޓެލްކޯ އިން އައްޑޫ ހުޅުދޫ އާއި އައްޑޫ މަރަދޫގެ ޖަނަރޭޓަރު ސެޓު މަރާމާތުކޮށްފި އެވެ.
ސްޓެލްކޯ އިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ހުޅުދޫ އާއި މަރަދޫގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވީއިރު، 800 ކިލޯވޯޓުގެ ޖަނަރޭޓަރު ހުރީ މައްސަލަ ޖެހި، ނުހިނގާ ޙާލަތުގައި އެވެ. އެހެންވެ އެ ކުންފުނިން ވަނީ އެ ޖަނަރޭޓަރު ސެޓު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، އެކަން ކާމިޔާބުކަމާއެކު ނިންމާލައިފަ އެވެ.
ސްޓެލްކޯ އިން ބުނީ މަރާމާތަށް ފަހު އެ ޖަނަރޭޓަރު ސެޓު މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށާއި، އެ ޖަނަރޭޓަރު ސެޓު އަލުން ބޭނުން ކުރަން ފެށުމާއެކު ހުޅުދޫ އާއި މީދޫގެ ކަރަންޓުގެ އުފެއްދުމުގެ ޤާބިލުކަން އިތުރުވާނެ ކަމަށެވެ. ހަމައެހެންމެ، މި ދެ ރަށުގެ ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.
މީގެ އިތުރުން ކުންފުނީގެ ޤާބިލު އަދި ތަޖުރިބާކާރު މުވައްޒަފުންގެ ހުނަރާއި އިލްމުގެ ބޭނުން ހިފައިގެން، މިފަދައިން މައްސަލަޖެހި ނުހިންގި ހުރި ޖަނަރޭޓަރުތައް މަރާމާތުކޮށް ހިންގުމުގައި ދެމި ތިބެ، ރައްޔިތުންނަށް މެދު ކެނޑުމެއް ނެތި ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.
ސްޓެލްކޯ އިން އަންނަނީ ރާއްޖޭގެ ވަރަށް ގިނަ ކަންކޮޅުތަކުގައި ކަރަންޓުގެ ޚިދުމަތް ދެމުންނެވެ. ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން މުޅި ރާއްޖޭގައި ކަރަންޓޫގެ ޚިދުމަތް ދޭނެ އެވެ. އެއީ ފެނާއި، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތް ދެމުން އަންނަ ފެނަކަ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަަލު ކުރަން ނިންމާފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް