އޭޝިއަން ޕެރަ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލާނީ ފާތުން އާއި އަބްދުއްރައްޒާގު
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ފާތުން އާއި އަބްދުއްރައްޒާގަށް ވަޒީރު ރާފިއު ދިދަ ހަވާލުކޮށްދެއްވަނީ -- ފޮޓޯ/ ސްޕޯޓްސް މިނިސްޓްރީ
ޖަޕާނުގެ އައިޗީ-ނަގޯޔާގައި އޮންނާނެ 5 ވަނަ އޭޝިއަން ޕެރަ ގޭމްސް 2026 ގައި ވާދަކުރާ ދިވެހި ޤައުމީ ޕެރަ އެތުލީޓުންނަށް ޖާޒީ ހަވާލުކުރުމާއި، ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ގައުމީ ދިދަ އުފުލާނެ އެތުލީޓުންނާ ދިދަ ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
މި މަހުގެ 18 އިން 24 އަށް ކުރިއަށްދާ މި ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފު ލިބިފައިވަނީ ދުވުންތެރިން ކަމަށްވާ ފާތިމަތު އިބްރާހީމް އަދި އަބްދުއްރައްޒާގު އަބްދުއްސަމަދަށެވެ.
ފާތުން އާއި އަބްދުއްރައްޒާގް ވެސް ވަނީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަ ކޮށްފަ އެވެ. އަދި އެ ގޭމްސްގައި ފާތުން ވަނީ ބްރޯންޒް މެޑަލް އެއް ވެސް ހޯދައިފަ އެވެ.
މި ފަހަރުގެ ގޭމްސްގައި ރާއްޖެ ތަމްސީލުކުރާނީ އަބްދުއްރައްޒާގާއި ފާތުންގެ އިތުރުން ޕެރަ އެތުލެޓިކްސް އެތުލީޓް އަބްދުﷲ އަޔާން އަސްގަރު އެވެ. އަޔާން ވަނީ އުޒްބެކިސްތާނުގެ ތަޝްކެންޓްގައި ބޭއްވުނު "ރޯޑް ޓު ނަގޯޔާ" ޓްރެއިނިން ކޭމްޕް ފުރިހަމަ ކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރު ދުބާއީ ގައި އޮތް އޭޝިއަން ޕެރަ ޔޫތު ގޭމްސްގައި ވެސް އޭނާ ވާދަ ކުރި އެވެ.

އަބްދުﷲ އަޔާން އަސްގަރު (ވ) -- ފޮޓޯ/ ސްޕޯޓްސް މިނިސްޓްރީ
ދިދަ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވަނީ އެތުލީޓުންނާ ބައްދަލުކުރައްވައި، ގައުމު ތަމްސީލުކޮށް ފަހުރުވެރި ނަތީޖާއެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އެދިވަޑައިގެން ހިތްވަރު ދެއްވައިފަ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރުމީކޯ އިޝިގާމީ އެވެ. މީގެއިތުރުން ޖަޕާން އެމްބަސީއާއި، ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ އޭޝިއަން ޕެރަ ގޭމްސްގައި ރާއްޖޭން ބައިވެރިވާ ދެވަނަ ފަހަރެވެ. އެންމެ ފަހުން 2022 ވަނަ އަހަރު އޮތް ގޭމްސްގައި ވެސް ރާއްޖޭން ވާދަ ކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް