ޚަބަރު

އާމްދަނީއަށް 6.2 އިންސައްތައިގެ ކުރިއެރުމެއް، ދައުލަތަށް އާމްދަނީގެ ގޮތުގައި 28 ބިލިއަން ރުފިޔާ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އާމްދަނީއަށް 6.2 އިންސައްތައިގެ ކުރިއެރުމެއް، ދައުލަތަށް އާމްދަނީގެ ގޮތުގައި 28 ބިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީ---

މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 28.73 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ނިމިދިޔަ އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 27.04 ބިލިއަން ރުފިޔާއެވެ.

އެހެންކަމުން މިއަހަރު މިހާތަނަށް ރާއްޖެއަށް މިދިޔަ އަހަރުގެ މިހާ ހިސާބަށް އަޅާބަލާއިރު މިއަހަރު ވަނީ 1.69 ބިލިއަން ރުފިޔާ އިތުރަށް ލިބިފައެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 6.25 އިންސައްތައިގެ ކުރިއެރުމެކެވެ.

ފިނޭސް މިނިސްޓްރީން ބުނީ މިއަހަރު އާމްދަނީގެ ގޮތުގައި ދައުލަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންކަމަށެވެ.

އެގޮތުން މިއަހަރު ޓެކުހުން ދައުލަތަށް ވަނީ 22.35 ބިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރު މިހާތަނަށް ތެކުހުގެ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 20.61 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން މިއަހަރު ޓެކުހުގެ އާމްދަނީގެ ގޮތުގައި 1.74 ބިލިއަން ރުފިޔާ އިތުރަށް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީގެ އާމްދަނީ 7.46 ބިލިޔަން ރުފިޔާއިން، 7.71 ބިލިޔަން ރުފިޔާއަށް ނުވަތަ %3.3 ވަނީ އިތުރުވެފައެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ 2.06 ބިލިޔަން ރުފިޔާއިން، 2.35 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ %14.1 ގެ ކުރިއެރުމެކެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސް 4.65 ބިލިޔަން ރުފިޔާއިން 5.60 ބިލިއަން ރުފިޔާއަށް ނުވަތަ %20.4 އިތުރުވެފައިވެއެވެ. އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް ޖީއެސްޓީ ވަނީ 3.53 ބިލިޔަން ރުފިޔާއިން 3.68 ބިލިޔަން ރުފިޔާއަށް ނުވަތަ %3.6 އިތުރުވެފައެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 1.48 ބިލިޔަން ރުފިޔާއިން 1.51 ބިލިޔަން ރުފިޔާއަށް އިތުރުވެ، %1.9 ގެ ކުރިއެރުމެއްވެެސް މި މުއްދަތުގައި ވަނީ ހޯދާފައެވެ.

މިމުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 30.86 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 26.38 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %17 އިތުރު އަދަދެކެވެ. ރިކަރަންޓް ޚަރަދު %18.6 އިތުރުވެ، 22.75 ބިލިޔަން ރުފިޔާއިން 26.98 ބިލިޔަން ރުފިޔާއަށް އުފުލިފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ %6.9 އިތުރުވެ 3.63 ބިލިޔަން ރުފިޔާއިން 3.88 ބިލިޔަން ރުފިޔާއަށް މަތިވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް