ދިއްދޫ އާއި ގައްދޫ އެޓޯލް ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް، މި އަހަރު ވެސް އަތޮޅުތެރެއަށް ފުރުސަތު އެބައޮތް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
މިދިޔަ ސީޒަންގަ އެޓޯލް ޗެމްޕިއަންޝިޕުން ފެށި ގައްދޫ އާއި ދިއްދޫ މި ސީޒަންގައި ކުޅެނީ ޕްރިމިއާ ލީގު. -- ފޮޓޯ/ އެފްއޭއެމް
އެފްއޭއެމް އެޓޯލް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހާ ހަމައަށް ހުޅުވާލާފައި ވާއިރު، މުބާރާތް ފެށުމަށް ތާވަލް ކުރެވިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހެވެ.
މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަ ކުރާ ދިއްދޫ ސްޕޯޓްސް އާއި ގައްދޫ ރެކްރިއޭޝަން ކްލަބަކީ މިދިޔަ އަހަރު އެޓޯލް ޗެމްޕިއަންޝިޕުން ފެށިގެން ކުޅެމުން އައިސް، ރާއްޖޭގެ އެއްވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ދެ ކްލަބެވެ.
މި އަހަރުގެ އެޓޯލް ޗެމްޕިއަންޝިޕަށް ރަޖިސްޓާ ވާނެ ލިންކް: https://famcompetitions.com/?tournament=tour_aj372ufe&apply=true
އެޓޯލް ޗެމްޕިއަންޝިޕުން ފެށިގެން ޒޯން ބުރު ކުޅުމަށް ފަހު ދެން ކޮލިފައި ވާނީ ރީޖަން ލީގަށެވެ. ރީޖަން ލީގަކީ ރާއްޖޭގެ ލީގު ސިސްޓަމްގެ ދެވަނަ ޑިވިޝަނެވެ. ރީޖަން ލީގުގެ ޗެމްޕިއަނުންނަށް ޕްރިމިއާ ލީގު ކޮލިފިކޭޝަނުން ފުރުސަތު ލިބެ އެވެ. ޕްރިމިއާ ލީގުން ފުރުސަތު ލިބޭނީ ކޮލިފައިން ކުޅޭ ޖުމްލަ ހަ ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމަށެވެ.
ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ދިއްދޫ އާއި ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގައްދޫ ޕްރިމިއާ ލީގުން ފުރުސަތު ހޯދީ، ޕްރިމިއާ ލީގު ކޮލިފިކޭޝަން ޕްލޭއޮފްގައި ނަތީޖާ ނެރެގެންނެވެ.
މިދިޔަ ސީޒަންގައި ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ބަދަލު ކޮށް، މުޅި ރާއްޖެ ހިމެނޭހެން ލީގު ސިސްޓަމް އެކުލަވާލާފައި ވާއިރު، މި ސީޒަންގައި ޕްރިމިއާ ލީގު ކުޅެމުން އަންނަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. މާލޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގެ އިތުރުން ގދ. ގައްދޫ އާއި ހއ. ދިއްދޫ ފުޓްބޯޅަ ދަނޑުގައި މި އަހަރުގެ ލީގުގެ މެޗުތައް އަންނަނީ ކުޅެމުންނެވެ. ގައްދޫ ދަނޑާއި ދިއްދޫ ދަނޑުގައި ވެސް ލީގުގެ ނުވަ މެޗެއް ކުޅެވިގެންދާނެ އެވެ.
ޖުމްލަ 10 ޓީމު ވާދަ ކުރާ ދިވެހި ޕްރިމިއާ ލީގުގައި މި ވަގުތު މާލޭ ރީޖަންގެ އަށް ޓީމު ކުޅެ އެވެ. އަލޮޅުތެރޭ ރީޖަންގެ ކްލަބްތަކުގެ ތެރެއިން ޕްރިމިއާ ލީގު ކުޅެނީ ހަމައެކަނި ގައްދޫ އާއި ދިއްދޫ އެވެ. ނަމަވެސް މިހާރު ފުޓްބޯޅައިގެ ފޯމެޓް އޮތް ގޮތުން އަތޮޅުތެރޭ ރީޖަންތަކުގެ ޓީމުތަކަށް ވެސް ޕްރިމިއާ ލީގު ޑޮމިނޭޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް