2027 ވަނަ އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރެވޭ: ރައީސް މުޢިއްޒު
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަޑައިގެންނެވުމުގެ ތެރެއިން.
ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ދައުލަތުގެ މީޑިއާ އިން ގެނެސްދިން ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އުންމީދު ކުރަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ 2027 ވަނަ އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިމި، ތިލަފުއްޓާ ހަމައަށް ބްރިޖުގެ މަޝްރޫއު ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ބްރިޖުގެ ސަބަބުން ލިބިގެންދާނެ ފަސޭހަތަކަށް އަލިއަޅުވާލައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެއީ މި ސަރަހައްދަށް އިޤްތިޞާދީ ގޮތުންނާއި، އުމްރާނީ ގޮތުން އަދި އިޖުތިމާއީ ގޮތުން ވެސް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. މުޅި ގްރޭޓަރ މާލެ ސަރަހައްދު ލޭންޑިން ލިންކަކުން ގުޅިގެން ދިޔުމަކީ، އެތައް ގޮތަކުން ލުއި ފަސޭހަކަން ލިބިގެންދާނެ ކަމެއް ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ތިލަމާލެ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ލިބިގެންދާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އުންމީދަކީ މާ ލަަސްތަކެއް ނުވެ މާލެ އާއި ވިލިނިގިއްޔާ ދޭތެރޭގައި ގުޅާލެވިގެން، ބޭނުން ކުރަން ފެށުން ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގުޅީފަޅާ ހަމައަށް ބްރިޖު ދިޔުމުން، ތާރު އެޅުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.
މި ބިޔަ މަޝްރޫއަށް 500 މިލިއަން ޑޮލަރު ނުވަތަ ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ވާނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި، 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. މީގެ އިތުރުން މި މަޝްރޫއު އަށް ދިވެހި ސަރުކާރުން ވެސް ޚަރަދުކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް