ފިޔަވަޅުތަކާއެކު، ބްލެކްމާކެޓުގެ ރޭޓު ބޮޑުތަނުން ދަށްކުރެވިއްޖެ: ސައީދު
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މިނިސްޓަރު ސައީދު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް
ބްލެކުމާކެޓުގައި ޑޮލަރު މާރުކުރުން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ބްލެކްމާކެޓުގައި ޑޮލަރު ގެނެ ވިއްކާ ރޭޓު ދަށްކުރެވިފައިވާކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ބްލެކުމާކެޓުގައި ޑޮލަރު ގަނެ ވިއްކާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ހެޔޮ އަސަރު ކުރަމުންއަންނަކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން، މި ސަރުކާރު ހަވާލުވިއިރު ހުރި މިންވަރަށް ޑޮލަރުގެ ރޭޓު ދަށްވެފައިވާ ކަމަށެވެ.
އެގޮތުން މި ސަރުކާރު ހަވާލުވިއިރު ބްލެކް މާކެޓުގައި ޑޮލަރު ގަނެ ވިއްކި އަގަށްވުރެ މި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން މިހާރު ޑޮލަރު ބްލެކްމާކެޓުގައި ގަނެ ވިއްކާ އަގު ދަށްކުރެވިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޑޮލަރު ގަންނަން ލިބޭ އަގު ކުޑަކުރުމުން އެކަމުގެ ހެޔޮ ބަދަލު އިގްތިސާދުން ވެސް ފެންނާނެކަމަށް އުންމީދުކުރާކަަމަށެވެ.
ޑޮލަރުގެ އަގު ދަށްވުމުން ތަކެތީގެ އަގު ދަށަށް ދާންޖެހޭނެކަމަށާއި، އެއީ ނަޗުރަލީ އެކަން އޮންނަން ޖެހޭނެ ގޮތްކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ނަމަވެސް ރާއްޖޭގައި އަދި ދުނިޔޭގައި ވެސް ތަކެތީގެ އަގު މައްޗަށް އުފުލުމަށްފަހު އަލުން އެ ތިރިކުރުމަކީ އުނދަގޫކަމެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް