24 ރަށުގައި 50 މެގަވޮޓަށް ވުރެ ގިނަ އިޔާދަކުރަނިވި ހަކަތަ އުފައްދަން ތައްޔާރުވެއްޖެ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ސޯލާ ޕެނަލް ހަރުކުރަނީ ---
ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށް ވުރެ ގިނަ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ނިޒާމުތައް ގާއިމުކުރުމަށް ކަމާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ދަށުން ހިންގާ "އެސްޕަޔަރ" އަދި "އެރައިޒް" ޕްރޮޖެކްޓްގެ ދަށުންނެވެ.
މި މުހިންމު މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުން އިތުރުކުރުމެވެ. މިކަމުގެ ސަބަބުން ތެޔޮ އިމްޕޯޓް ކުރުމަށް ދައުލަތުން ކުރަންޖެހޭ ބޮޑު ހޭދަ ކުޑަވެ، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެކަމަށް ވުޒާރާއިން ބުންޏެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ ހަކަތައިގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ. އެގޮތުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމަށް މި މަޝްރޫއުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެއެވެ.
ވުޒާރާއިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ 24 ރަށެއްގައި މި ނިޒާމުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް