3000 އިން 80،000 އަށް، ރައީސް މުޢިއްޒު އާއެކު ޕީއެންސީ އަށް ތާރީޚީ ކާމިޔާބެއް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ޕީއެންސީގެ ކޮންގްރެސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު އާާއި އެ ޕާޓީގެ އިސްވެރިން
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެމްބަރުންގެ އަދަދު 80،000 އިން މައްޗަށް އަރާފައިވާ ކަމަށް، އެ ޕާޓީގެ ރައީސް އަދި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފި އެވެ.
ރައީސް މުޢިއްޒު އެކަން އިއުލާން ކުރައްވާފައި ވަނީ ހުކުރު ދުވަހުގެ ރޭ ޕީއެންސީގެ ކޮންގްރެސް ނިންމުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، މީގެ ދެ އަހަރު ކުރިއަށް ބަލާއިރު ޕީއެންސީގައި ތިބީ ގާތް ގަނޑަކަށް 3000 މެމްބަރުން ކަމަށެވެ. އެހެން ނަމަވެސް، މިހާރު ޕީއެންސީގެ މެމްބަރުންގެ އަދަދު 80،000 އިން މައްޗަށް އަރާފައިވާ ކަަމަށް ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވަނީ، ޕާޓީގެ މެމްބަރުންގެ އަދަދު އިތުރު ކުރުމާއި، ޕާޓީ ހިންގުންތެރިކުރުމުގައި ބުރަ މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ތައުރީފު ކުރައްވައިފަ އެވެ.
މިހާ ހިސާބަށް އައިއިރު ޕީއެންސީގައި 80،083 މެމްބަރުން އެބަ ތިބި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޕީއެންސީގެ މެމްބަރުންގެ އަދަދު 100،000 އަށް އަރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮންނެވި ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާ ބޮޑަށް އިތުރުވެގެން ދިޔުމަކީ ޕާޓީ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެއީ ޕާޓީގެ މެމްބަރުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމަން އަދި އިންތިޒާމުތަކުގެ ނަތީޖާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ. ހަމައެއާއެކު، ޕީއެންސީގެ މެމްބަރުން އިތުރުވުމަކީ، ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ލިބޭ ހިތްވަރެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ޕީއެންސީ އުފައްދާފައި ވަނީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޕާޓީ އިން ވަނީ 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފައި އެވެ. އަދި ޖެހިގެން 2024 ވަނަ އަހަރު އައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީ އިން ވަނީ ތާރީޚީ ކާމިޔާބެއް ހޯދައިފަ އެވެ. ޕީއެންސީގެ މެމްބަރުންގެ އަދަދު 80،000 އިން މައްޗަށް އަރާފައިވާއިރު، އެ ޕާޓީ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް