ޚަބަރު

ސައިކަލުތައް އުކާ ވިޑިއޯއަށް ފުލުހުން: އެއީ ނައްތާލަން ހުއްދަ ލިބިފައިހުރި ވެހިކަލްތަކެއް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ސައިކަލުތައް އުކާ ވިޑިއޯއަށް ފުލުހުން: އެއީ ނައްތާލަން ހުއްދަ ލިބިފައިހުރި ވެހިކަލްތަކެއް

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފުލުހުންގެ މުވައްޒަފުންތަކެއް ޓޯކޮށްފައިހުރި ސައިކަލުތަކެއް ޓްރަކަކުން ނަގައި ބިންމައްޗަށް އުކާ ވިޑިއޯއިން ފެންނަ އުޅަނދުތަކަކީ ނައްތާލުމަށް ހުއްދަ ލިބިފައިހުރި ވެހިކަލްތަކެއްކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ ޓޯކުރުމަށްފަހު، އެ އުޅަނދު ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި އެ އުޅަނދާއި ހަވާނުވުމުގެ ސަބަބުން ނައްތާލާ އުޅަނދުތަކެއްކަމަަށެވެ.

އެ އުޅަނދުތައް ނައްތާލުމަށް ގާނޫނީގޮތުން އަދި އިދާރީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތްތައް ފުރިހަމަކޮށްފައިވާކަމަށާއި، އަދި އެ އުޅަނދުތައް ނައްތާލުމަށް ރަސްމީކޮށް ހުއްދަވެސް ދެވިފައިވާކަމަށް ފުލުހުން ބުންޏެވެ.

ވީޑިއޯއިން އެ ފެންނަ މަންޒަރަކީ އެ އުޅަނދުތައް ނައިތައިލުމަށް ތިލަފުއްޓަށް ކުނީގެ ގޮތުގައި ފޮނުވުމަށް ފުލުހުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހިން އަލަށް ދެވިފައިވާ ބިމަށް ޖަމާކުރާ މަންޒަރުކަމަށް ވެސް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ވީޑިއޯއަކުން ފެންނަނީ ފުލުހުންގެ ޓޯޔާޑު މުވައްޒަފުން ޓުރަކަކަށް ވެހިކަލްތަކެއް ބަރުކޮށްގެން އައިސް ހުސް ބިމަކަށް އެ ވެހިކަލްތައް ޓުރަކުން ނަގައި އުކާ މަންޒަރެވެ. އެ މަންޒަރު ފެންނަ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު، ގިނަ ބަޔަކު ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް