ދިވެހިން ހާސިލުކުރި ކޮންމެ ނަސްރަކާއި، ފާގަތިކަމެއްގެ އަސްލަކީ އިސްލާމްދީން: ރައީސް
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ރައީސް ޑރ. މުއިއްޒު ---
ފާއިތުވެދިޔަ ނުވަ ގަރުނު ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަސްރަކާއި، ގައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގަ އެވެ.
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީހުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަސްރަކާއި، ގައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެ އެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިސްލާމްދީނަކީ މި ގައުމުގެ އިއްޔެއާއި، މިއަދާއި އަދި މާދަމާގެ ވެސް ސަލާމަތާއި ރައްކާތެރިކަން ކަމުގަ އެވެ.
ރައީސް ޑރ. މުއިއްޒުގެ މެސެޖުގައި، އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ ހިޖުރީގޮތުން 900 އަހަރު (9 ގަރުނު) ފުރުމުގެ މުނާސަބަތުގައި މާތްﷲގެ ހަޒުރަތަށް ހަމްދާއި ޝުކުރު ދަންނަވައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެ އެވެ. އަދި ދިވެހި ގައުމަށް އިތުރު ފާގަތިކަމާއި ސަލާމަތްތެރިކަން މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް