ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމާ އެކު، ޒަމާނީ އަދި އަވަސް ޚިދުމަތް ލިބޭނެ: މިނިސްޓަރު ސައީދު
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި މިނިސްޓަރު ސައީދު.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމާ އެކު، ބަނދަރުން ޒަމާނީ އަދި އަވަސް ޚިދުމަތް ތަކެއް ލިބިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމާއި، ވަށާ ޖެހޭ ޖުމުލަ ހައްލެއް ބަނދަރު އަދި ބަނދަރާ ގުޅިފައިވާ މުޅި ނިޒާމަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވައުދު ކަމަށެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ކުރިން ނިންމުމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާއިރު، މިނިސްޓަރު ސައީދު ވިދާޅުވީ އެ މަސައްކަތް މިހާރު ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ ތިލަފުއްޓަށް ބަނދަރު ބަދަލު ކުރުމާ އެކު، އެ ބަނދަރުން ޒަމާނީ އަދި އަވަސް ޚިދުމަތް ތަކެއް ލިބިގެން ދާނެ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިޔުމުގައި އެޅިފައިވާ އެންމެ ބޮޑު އެއް ހުރަސް ނެތިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވެފައި އެވެ.
ބުދަ ދުވަހު މިނިސްޓަރު ސައީދު ވަނީ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ވަޑައިގެން، އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފަ އެވެ. މިނިސްޓަރު ސައީދުގެ އަރިހުގައި ރާއްޖެ އަށް ގިނަ އަދަދަަކށް ތަރުކާރީ އާއި މޭވާ އަދި އަސާސީ ބާވަތްތައް އެތެރެ ކުރާ ބައެއް ވޮިޔަފާރިވެރިން ވެސް ވަނީ ބައިވެރިވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް