ސަރުކާރުގެ ފިޔަވަޅުތައް ކާމިޔާބު، މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ 1 އަށް މަތިކޮށްފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި މިނިސްޓަރު ޒަރީރު
ބޭރުގެ ބޮޑެތި ދަރަނިތައް ދައްކަންޖެހުމާއި، ބޭރު ފައިސާގެ ރިޒާވަށް އައި ލޮޅުންތަކާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހަކަތައިގެ އަގު އުފުލުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހުނު ނަމަވެސް ސަރުކާރުން އެޅީ ހަރުދަނާ ފިޔަވަޅު ތަކުގެ ސަބަބުން ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީސް" އިން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން މަތިކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ރޭޓިން މަތިކޮށްފައިވަނީ ސީއޭއޭ2 އިން ސީއޭއޭ1 އަށްކަމަށެވެ.
އެ މިނިސްޓްރީން ބުނީ މޫޑީސްއިން މިގޮތަށް ނިންމާފައިވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ނަތީޖާ އެދެވޭ ގޮތެއްގައި ފެންނަމުންދާތީއާއި، ދަރަނި އަދާކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކުގެ އިތުރުން، މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ކުރިއަށް އޮތް ކުރު މުއްދަތުގެ ތެރޭގައި ދަރަނި ނުދެއްކިދާނެކަމަށް އޮތް ނުރައްކާ ބޮޑުތަނުން ކުޑަވެފައިވާތީކަމަށެވެ.
ރޭޓިންގް މަތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މިއަހަރުގެ އޭޕްރީލް މަހު 500 މިލިޔަން ޑޮލަރުގެ ސުކޫކް ދައްކައި ހަލާސްކުރުމާއި، 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކައި ނިންމުމުގެ އިތުރުން، މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލްތައް ދައްކާފައިވުން ހިމެނޭކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ޖަމާކުރާ ފައިސާ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކްރެޑިޓް ރޭޓިން ރަނގަޅުވުމަށް ފަހިވި ކަމަށެވެ. ޚާއްސަކޮށް 2024 ވަނަ އަހަރު ތައާރަފުކޮށް 2026 ގައި ފުޅާކުރި ބޭރު ފައިސާގެ ސިޔާސަތުތަކުގެ ސަބަބުން، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވޭކަމަށް ބުންޏެވެ.
ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ފަރާތުން ލިބޭ އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ މާލީ ފުދުންތެރިކަން ވަނީ އިތުރަށް ވަރުގަދަވެފައިވާކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެގޮތުން، ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރު ހިމެނޭހެން ޖުމްލަ 130 މިލިއަން ޑޮލަރުގެ އެހީ ސަރުކާރުން ހޯދައިފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް