ކަނޑުތައް ވަރަށް ގަދަ، ހުދު ސަމާލާއެކު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ގަދަ ކަނޑުގައި ދޯންޏެއް ދުއްވަނީ -- ފޮޓޯ/ ސަން
މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައިވާތީ މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އެފީހުން ބުނީ ބ އަތޮޅުން ފެށިގެން ލ އަތޮޅަށް މޫސުން ވަރަށް ގޯސްވާނެކަމަށެވެ. އެ އަތޮޅުތަކަށް ވާރޭ ވެހުމާއެކު ގުގުރައި، އަދި ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
އަދި އެ އަތޮޅުތަކާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ކަނޑުތައް ވެސް ވަރަށް ގަދަވާނެކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
އެ އޮފީހުން ބުނީ މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުތަކަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާކަމަށެވެ. އެހެންކަމުން އާންމުގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވެ ވިއްސާރަކުރާނެކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
ކަނޑުތައް ގަދަވެފައިވާތީ ގައުމީ ދިފާއީ ބާރުން ވެސް ވަނީ ދަތުރުފަތުރުކުރުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ގައުމީ ދިފާއީ ބަރުން އިލްތިމާސްކުރީ މި ދުވަސްވަރު ދަތުރުކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް އަންގައިފައި ނޫނީ ދަތުރުނުކުރުމަށެވެ. ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ގައުމީ ދިފާއީ ބާރުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ދަތުރުކުރައްވާ ފަރާތްތަކުން ލައިފްޖެކްޓްއަޅައި، އިތުރަށް ސަމާލުވެލެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރަމެވެ. މީގެއިތުރުން ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދެއްވުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް ވެސް އެ ބާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް