Article Top
ކުޅިވަރު •

އޭއެފްސީ ނޭޝަންސް ލީގާއެކު ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިން އޯވަހޯލްކުރަނީ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އޭއެފްސީ ނޭޝަންސް ލީގާއެކު ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިން އޯވަހޯލްކުރަނީ

ރާއްޖެ އާއި ފިލިޕީންސް މިދިޔަ އަހަރު ކުލޫނު މެޗެއްގައި -- ފޮޓޯ/ އެފްއޭއެމް

އޭޝިއާގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ މެދުގައި އޭއެފްސީ ނޭޝަންސް ލީގު ގެ ނަމުގައި އާ މުބާރާތެއް ތައާރަފުކޮށް، ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ސިސްޓަމަށް ބޮޑެތި ބަދަލުތަކެއް ގެންނަން އޭޝިއާގެ ފުޓުބޯޅަ މައި އިދާރާ (އޭއެފްސީ) އިން ޕްރޮޕޯސަލެއް އެކުލަވާލައި މެމްބަރު ގައުމުތަކާ ހިއްސާކުރަން ތައްޔާރުވެއްޖެ އެވެ.

އީއެސްޕީއެންއިން އޭއެފްސީގެ ޑްރާފްޓް ޕްރޮޕޯސަލާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އަދި މެމްބަރު އެސޯސިއޭޝަންތަކަށް ހުށަހަޅާ ޕްރޮޕޯސަލެކެވެ. އޭއެފްސީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނޭޝަންސް ލީގެއް ބޭއްވުމުގެ އަސާސީ ނިންމުން ނިންމާފައިވީ ނަމަވެސް، ކޮލިފައިންއާ އެކުއެކީ މުބާރާތް ކުރިއަށްގެންދާނެ މި ތަފްސީލީ ފޯމެޓް ރަސްމީކޮށް ފައިނަލްވާނީ މެމްބަރު ގައުމުތަކާއެކު ބާއްވާ ބްރީފިންއަށްފަހު އެވެ.

Advertisement
Article Inside

އޭއެފްސީގެ ޕްލޭންގައިވާ ގޮތުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި ނޭޝަންސް ލީގުގައި ޓީމުތައް ވާދަކުރާނީ 3 ޓަޔާ އަކަށް (ޑިވިޝަނަކަށް) ބަހާލައިގެންނެވެ:

  • ޓަޔާ 1: 18 ޓީމު

  • ޓަޔާ 2: 18 ޓީމު

  • ޓަޔާ 3: ބާކީ އޮތް 11 ޓީމު (3 ގްރޫޕަކަށް ބަހާލައިގެން)

ޔޫރަޕާއި އެމެރިކާ އަދި މިނޫން ބައްރުތަކުގައި ބާއްވާ ނޭޝަންސް ލީގޭ އެއްގޮތަށް މި މުބާރާތުގައި ޕްރޮމޯޝަނާއި ރެލިގޭޝަން އޮންނާނެ އެވެ. އެގޮތުން ކޮންމެ ޓަޔާ އެއްގެ އެންމެ މަތިން ނިންމާ ދެ ޓީމު މަތީ ޓަޔަރަށް ޕްރޮމޯޓްވާ އިރު، އެންމެ ތިރިން ނިންމާ ދެ ޓީމު ރެލިގޭޓްވާނެއެވެ. އިތުރު ޖާގަތަކަށް ޕްލޭއޮފް މެޗުތައްވެސް ކުޅޭނެ އެވެ. ޒޯންތަކަށް (ދެކުނު އޭޝިއާ ފަދައިން) ބަހައިގެން ކުޅުމުގެ ބަދަލުގައި، މުޅި އޭޝިއާ އެއްކޮށް ހަމަހަމަ ގްރޫޕްތަކެއް އެކުލަވާލާނެ އެވެ.

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިން ބައްޓަންވާނެ ގޮތް

ނޭޝަންސް ލީގު ދެން ކުރިއަށްދާނީ ބޮޑެތި މުބާރާތްތަކުގެ ކޮލިފިކޭޝަނާ ގުޅުވައިގެންނެވެ:

  • ވޯލްޑް ކަޕް ކޮލިފައިން (2032-33): ޓަޔާ 1 ގެ ޓީމުތަކުން ހޯމް/އަވޭ 12 މެޗު ކުޅޭނެ އެވެ. ޓަޔާ 1 އިން އެންމެ މަތިން ނިންމާ 6 ޓީމަކަށް ސީދާ ވޯލްޑް ކަޕްގެ ޖާގަ ލިބޭނެއެވެ. އަދި 7 ވަނައިން 10 ވަނައަށް ދާ ޓީމުތަކުގެ މެދުގައި ރައުންޑް-ރޮބިން ޕްލޭއޮފް ކުޅެގެން އިތުރު 2 ޖާގަ ކަށަވަރުކުރާނެ އެވެ. މީގެ އިތުރުން 3 ވަނައަށް ދާ ޓީމު ދާނީ އިންޓަކޮންޓިނެންޓަލް ޕްލޭއޮފަށެވެ.

  • އޭޝިއަން ކަޕް ކޮލިފައިން (2030): ޓަޔާ 1 ގެ ހުރިހާ ޓީމުތަކުގެ އިތުރުން ޓަޔާ 2 އިން އެންމެ މަތިން ނިންމާ 6 ޓީމަށް އޭޝިއަން ކަޕުން ސީދާ ޖާގަ ލިބޭނެ އެވެ.

ނޭޝަންސް ލީގުގެ ނޮކްއައުޓް ބުރަށް އަބަދުވެސް ދާނީ ޓަޔާ 1 ގެ ގަދަ 8 ޓީމެވެ. ސެމީ ފައިނަލާއި ފައިނަލް ކުޅޭނީ ސެންޓްރަލް ވެނިއުއެއްގަ އެވެ.

2028-29 ގައި ޕައިލެޓް މުބާރާތެއް

މި ނިޒާމަށް ފުރިހަމައަށް ބަދަލުވުމުގެ ކުރިން، އަޖުމަ ބަލައިލާން 2028-29 ވަނަ އަހަރު ޕައިލެޓް މުބާރާތެއް ބޭއްވުމަށް ވަނީ ހުށަހަޅައިފަ އެވެ. މި ޕައިލެޓް މުބާރާތުގައި ޓީމުތައް ޓަޔާތަކަށް ބަހާނީ ފީފާ ރޭންކިންއަށް ބެލުމުގެ ބަދަލުގައި، ކުރިއަށް އޮތް ޕްރިލިމިނަރީ ޖޮއިންޓް ކޮލިފަޔާސްގެ ނަތީޖާތަކަށް ބަލައިގެންނެވެ. ރަސްމީކޮށް ކޮލިފައިން ސިސްޓަމާއެކު ނޭޝަންސް ލީގު ފަށަން ނިންމާފައިވަނީ 2030 ވަނަ އަހަރުއެވެ.

ޔޫރަޕުގެ ޔޫއެފާ ނޭޝަންސް ލީގު ވަކި މުބާރާތެއްގެ ގޮތުގައި ބޭއްވި ނަމަވެސް، އޭއެފްސީން ކޮލިފައިންއާ ނޭޝަންސް ލީގު އެއްކޮށްލަނީ ދަތުރުފަތުރާއި ހަރަދުތައް ކުޑަކުރުމުގެ ބޭނުމުގަ އެވެ.

މި ބަދަލުގެ ސަބަބުން ރާއްޖެ ފަދަ ގައުމުތަކަށް އިންޓަނޭޝަނަލް ބްރޭކްތަކުގައި އެކުވެރިކަމުގެ މެޗުތައް ހޯދަންޖެހޭ ދަތިކަން ހައްލުވެ، ފީފާ ތާރީހުތަކުގައި ފެންވަރުގެ ގޮތުން ހަމަހަމަ ގައުމުތަކާއެކު ގަވާއިދުން ވާދަވެރި ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް