ކުޅިވަރު

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތް ނިންމާލައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތް ނިންމާލައިފި

ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ/ ޕީއެސްއެމް

ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ބޭއްވި 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތް ކާމިޔާބުކަމާއެކު އާދިއްތަ ދުވަހުގެރޭ ނިންމާލައިފި އެވެ.

ކުޅިވަރު އެކުވެނީގައި ކުރިއަށްދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށާއި ޓީމުތަކަށް މެޑައްޔާއި ޓްރޮފީ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ފާއިދެވެ.

ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، މުޅިން އަލަށް ފައިނަލުގައި ކުޅުނު ހައިޝަމް އިބްރާހީމް ޢަލީ ހޯދިއިރު، އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފާތިމަތު ނަބާހާ ޢަބްދުއްރައްޒާގެވެ. ނަބާހާ ޗެމްޕިއަންކަން ހޯދީ އެންމެ ފަހުގެ ޗެމްޕިއަން، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަާމިނަތު ނަބީހާ ޢަބްދުއްރައްޒާގު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.

ފިރިހެން ޑަބަލްސްގައި މުޙައްމަދު ޚަލަފް އިމްރާން އާއި ހައިޝަމް އިބްރާހީމް ޢަލީގެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ އެވެ.

އަންހެން ޑަބަލްސް އިވެންޓްގައި މައިސާ ފަތުހުﷲ އާއި އައިޝަތު އަފްނާން ރަޝީދުގެ ޕެއާ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނަބާހާ އާއި ނަބީހާގެ ޕެއާ އެވެ.

ޓީމު އިވެންޓުތަކުގެ ނަތީޖާތަކަށް ބަލައިލާއިރު ފުރަތަމަ ޑިވިޝަނުގެ އަންހެން އަދި ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަންވެސް ހޯދީ ރިވައިވަލް އިން ސްޕޯޓްސް ކްލަބެވެ. އެޓީމުން ފިރިހެން ފައިނަލުގައި 3-1 އިން ޕޮލިސް ކުލަބް ބަލިކުރިއިރު، އަންހެން ފައިނަލުގައި ސީއެސްގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

ދެވަނަ ޑިވިޝަނުގެ އަންހެން ޗެމްޕިއަންކަން ސީދާ ތިން ސެޓުން ޓޫޒީ ސްޕޯޓްސް ކުލަބު ބަލިކޮށް އެމް ސްޕޯޓްސް ކުލަބުން ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ރައިޒިން ސްޓާ ފޯ ވިލުފުށީ ރެކްރިއޭޝަން ހޯދީ 3-2 އިން ސީއެސް ބަލިކޮށްގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް