އެންމެ މޮޅު އަންހެން ކުޅުންތެރިން؛ ލިޒީ، ޝާލިޔާ، ނޫރާ، މައީޝާ، ޝިއުތު
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
މިރޭ ބާއްވާ އެފްއޭއެމް އެވޯޑްސް 2026ގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވި ފަސް ކުޅުންތެރިންގެ ނަންތައް އިއުލާނު ކޮށްފި އެވެ.
މި އެވޯޑަށް ވާދަކުރާ ފަސް ކުޅުންތެރިންނަކީވެސް ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިންނެވެ.
ނޮމިނޭޓްވި ކުޅުންތެރިން:
އާމިނަތު ލީޒާ (ލިޒީ) – މާޒިޔާ: މާޒިޔާގެ ގޯލްކީޕަރު ލީޒީ ވަނީ މާޒިޔާއިން އެފްއޭއެމް ވިމެންސް ލީގުގެ ޗެމްޕިއަންކަން ހޯދުމުގައި ގޯލުގައި މުހިންމު ދައުރެއް އަދާކޮށް، ލީގުގެ ޑްރީމް ތީމުގައިވެސް ހިމެނިފަ އެވެ.
ފާތިމަތު ޝާލިޔާ – އޮޑި ސްޕޯޓްސް: އޮޑި ސްޕޯޓްސްގެ ކެޕްޓަން ޝާލިޔާ ވަނީ އެފްއޭއެމް ވިމެންސް ލީގުގެ އެންމެ މޮޅު ލޯކަލް ކުޅުންތެރިޔާގެ އެވޯޑު ހޯދުމުގެ އިތުރުން، 8 ގޯލާއެކު ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނަ ހޯދައިފަ އެވެ. އޭނާގެ ކެޕްޓަންކަމުގައި އޮޑި ސްޕޯޓްސް ލީގުގެ ރަނަރަޕް ހޯދި އިރު، ލީގުގެ ޑްރީމް ޓީމުގައިވެސް ހިމެނިފައި ވެއެވެ.
ޝަހްފާ ޝިއުތު – މާޒިޔާ: މާޒިޔާގެ ކާމިޔާބީގައި ބޮޑު ހިއްސާއެއްވި ޝިއުތު ވަނީ ލީގުގައި ދެއްކި ތަފާތު ކުޅުމާއެކު ޑްރީމް ޓީމުން ޖާގަ ހޯދި އެވެ.
މައީޝާ އަބްދުލް ހަންނާން – ނިއު ރޭޑިއަންޓް: ނިއުރޭޑިއަންޓްގައި ތަފާތު މޮޅު ކުޅުމެއް ދައްކައި، ލީގުގެ ޑްރީމް ޓީމުގައި ހިމެނުނެ އެވެ.
މަރިޔަމް ނޫރާ – ނިއު ރޭޑިއަންޓް: ނިއުރޭޑިއަންޓްގެ އެޓޭކުގައި މުހިންމު ދައުރެއް އަދާކުރި ނޫރާ ވަނީ ލީގުގައި މުހިއްމު ގޯލުތަކެއް ޖަހައިދީފަ އެވެ.
އެފްއޭއެމުން މިދިޔަ ސީޒަނުގައި ވަނީ މުޅިން އަލަށް "އެފްއޭއެމް ވިމެންސް ލީގު" ގެ ނަމުގައި ގައުމީ ފެންވަރުގެ އަންހެން ލީގެއް ފަށާފައިވެ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދިއިރު، ދެވަނައަށް ދިޔައީ ހޯދީ އޮޑި ސްޕޯޓްސް ކްލަބެވެ.
އެންމެ ފަހުން އެފްއޭއެމުން ވަނީ 2018 ގައި ބޭއްވި މޯލްޑިވްސް ފުޓްބޯޅް އެވޯޑްސްގައި އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަދި އެންމެ އުންމީދީ ކުޅުންތެރިޔާ ހޮވައިފަ އެވެ. އެ އަހަރު އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ފަދުވާ ޒާހިރެވެ. އަދި އެންމެ އުންމީދީ އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދީ އައިޝަތު ފިރުޝާ އެވެ. އޭގެ ފަހުން 2022 ގައި ސްޕޯޓްސް މިނިސްޓްރީން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދާފައި ވަނީ ލިޒީ އެވެ.
މި އަހަރުގެ އެވޯޑްސްގެ ނޮމިނޭޝަންތައް ކަނޑައަޅާފައިވަނީ ކުރީގެ ގޯލްކީޕަރު މައުރޫފް އަޙްމަދު (މާއްޓޭ) އިސްކޮށް ހުންނަވައި އެކުލަވާލި ހާއްސަ ކޮމިޓީއަކުންނެވެ. އެވޯޑްސް ނައިޓް އޮންނާނީ މިރެއެވެ.
މި އެވޯޑް ނައިޓްގައި ދިނުމަށް ހަމަޖެހިފައިވާ މުހިންމު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (ފިރިހެން އަދި އަންހެން)، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ އުންމީދީ ކުޅުންތެރިޔާ، އެންމެ މޮޅު ގޯލްކީޕަރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ކޯޗު، އެންމެ މޮޅު ރެފްރީ، އެންމެ މޮޅު ކްލަބް، އެންމެ މޮޅު ރީޖަނަލް ކްލަބް އަދި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާގެ އެވޯޑު ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް