ޚަބަރު

އެމްޑީޕީ އިން ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަންޏަކުން މިންޖުވުމަކީ އުފަލެއް: ސައީދު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އެމްޑީޕީ އިން ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަންޏަކުން މިންޖުވުމަކީ އުފަލެއް: ސައީދު

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައި އޮތް ދަރަންޏަކުން މިއަދު މިންޖުވެފައިވާ ކަމަށާއި، މިއަދަކީ އުފާވެރި ދުވަހެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، މިއަދަކީ ވަރަށް ބޮޑު ދެ އުފަލެއް ލިބުނު ދުވަހެއް ކަމަށެވެ. އެގޮތުން އެއް އުފަލަކީ، އެމްޑީޕީ ސަރުކާރުން މާލީ ނިޒާމު ބޮއްސުންލާން ދޫކޮށްލައި، މަތިމައްޗަށް ދަރަނި ނަގަމުން، ދައުލަތުގެ ބަޖެޓުން އިސްރާފު ޚަރަދުތައް ކުރަމުން ދިޔަ ދިޔުމުގެ ތެރޭގައި ނަގާފައި އޮތް 150 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް މި ސަރުކާރުން އަނެއްކާ ވެސް ދައްކައި، ރައްޔިތުންގެ ބޮލުގައި އަޅުވާފައި އޮތް ބޮޑު ދަރަންޏަކުން މިންޖުކޮށްދެއްވި ކަމުގެ އުފާ ކަމަށް ސައީދު ވިދާޅުވި އެވެ.

އެއީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ރައްޔިތުން ކުރި އިތުބާރުކަމަށް ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، ޤައުމު ދަރައި ވިކުނަ ނުދެއްވައި، ކާޑާއި، ގޭހާއި ތެލަށް ވެސް ޖެހުނަ ނުދެއްވައި ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދެއްވާނެ ކަމުގެ އިތުބާރު އެބަ އޮތް ކަމަށެވެ. ރައީސް މުޢިއްޒު ގެންދަވަނީ ރެޔާއި ދުވާލު އެކަން ކުރައްވަމުން ކަމަށް ވެސް ސައީދު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އަނެއް އުފަލަކީ، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އިން އެ އިތުބާރު ދަމަހައްޓައި މިހާރު ކުރިއަށްދާ ކޮންގްރެސްގެ މަތީ މަޖިލިސްގެ އިއްތިފާގުން ރައީސް މުޢިއްޒު އަށް ރިޔާސީ ދެވަނަ ދައުރަކަށް ޓިކެޓު ދޭން ނިންމި ތާރީޚީ އަދި ޤައުމީ ނިންމުން ކަމަށެވެ. އެކަމުގެ ސަބަބުތައް ވަރަށް ސާފު ކަމަށާއި، ޕީއެންސީގެ ރައީސް ޤައުމުގެ ރިޔާސަތުގައި ހުންނަވައިގެން އުނދަގޫ އެތައް ޙާލަތެެއް ގިރާކޮށް ދިވެހީންގެ ރާއްޖެ އަމާން ބަނދަރަކަށް ގެންދިޔުމުގެ ޒިންމާ ނަންގަވަމުން ގެންދަވަނީ ނުހަނު އަމާނާތްތެރިކަމާ އެކުގައި، ދިވެހި ޤައުމާއި ރައްޔިތުން އިސްކުރައްވައިގެން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ކުރީ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް އެއްކޮށް ދައްކައި ނިންމުމާ ގުޅިިގެންނެވެ. އަނެއްކޮޅުން ޕީއެންސީގެ މަތީ މަޖިލީހުން މިއަދު ނިންމާފައި ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސް މުޢިއްޒު އަށް ދެއްވުމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް