ކުޅިވަރު

އޭޝިއަން ގޭމްސްގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފު މުންސިފާއި އީޝަލް އަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އޭޝިއަން ގޭމްސްގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފު މުންސިފާއި އީޝަލް އަށް

އްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ/ އެމްއޯސީ

ޖަޕާނުގެ އައިޗީ-ނަގޯޔާގައި މި މަހުގެ 19 އިން އޮކްޓޫބަރު 4 އަށް ބާއްވާ އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ޓޭބަލް ޓެނިސް ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދާއި ޝޫޓަރު މަރިޔަމް އީޝަލް މިސްބާހަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ދީފި އެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ދެ އެތުލީޓުންނާ ދިދަ ހަވާލުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ.

މުންސިފަކީ ރާއްޖޭގެ އެންމެ މޮޅު އެތުލީޓުގެ އެވޯޑު ހޯދާފައިވާ ގައުމީ ޓީޓީ ޗެމްޕިއަނެވެ. އީޝަލްއަކީ އޭޝިއަން ޕިސްޓަލް އެންޑް ރައިފަލް ކަޕުން ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ތާރީހީ ޝޫޓަރެވެ.

މީގެ އިތުރުން ކުރިއަށް އޮތް ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ ދެ ފެތުންތެރިންކަމުގައިވާ އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ) އަދި ލޫތު މުހައްމަދު ހުސެއިން އަކީ އެ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާލާނެ ދެ އެތުލީޓުން ކަން ވެސް މި ރަސްމިއްޔާތުގައި ވަނީ އިއުލާން ކޮށްފަ އެވެ.

ޖުމްލަ 81 މެމްބަރުންގެ ކޮންޓިންޖެންޓަކާއެކު ދިވެހިރާއްޖޭން މި އަހަރުގެ އޭޝިއަން ގޭމްސްގައި ހަތް ކުޅިވަރެއްގައި ވާދަ ކުރާނެ އެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީ، ޝޫޓިން، ސާފިން، ސްވިމިން އަދި ޓީޓީ އެވެ.

ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަނަކީ ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޗެއާމަން އަހުމަދު ނާސިފް އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް